ޚަބަރު

ޖުޑީޝަލް ރީފޯމް ސެމިނާ: މުހިއްމު ޚިޔާލުތަކެއް ޙިއްސާކޮށްފި


ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރީފޯމް ސެމިނާގައި ޝަރުއީ ދާއިރާގެ މުހިއްމު ކަންކަމާ ގުޅޭގޮތުން ޢިލްމީ ކަރުދާސްތަކެއް ހުށަހަޅައި މުހިއްމު ޚިޔާލުތަކެއް ޙިއްސާކޮށްފިއެވެ.

ޖުޑިޝަރީގައި އިސްލާޙްކުރަންޖެހިފައިވާ ކަންތައްތަކާ ގުޅޭގޮތުން ކަމާގުޅުންހުރި ފަރާތްތަކުގެ މެދުގައި މަޝްވަރާއާއި ޚިޔާލުބަދަލުކޮށް އެކަމާގުޅޭގޮތުން ކުރިއަށްއޮތްތަނުގައި ޢަމަލުކުރަންވީގޮތް ދެނެގަތުމައްޓަކައި ތައްޔާރުކުރާ އެކްޝަން ޕްލޭނަށް ބޭނުންވާ މަޝްވަރާއާ ލަފާހޯދުމަށް ކުރިއަށްގެންދާ ދެދުވަހުގެ މިކޮންފަރެންސްގައި މިއަދުވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ކީނޯޓް އެޑްރެސް ދެއްވާފައެވެ.

އެގޮތުން ޖުޑިޝަރީގެ މިނިވަންކަމާއި ގުޅޭގޮތުން ރާއްޖޭގެ ފުރަތަމަ ޖަސްޓިސް މިނިސްޓަރު އަދި ކުރީގެ ނާއިބުރައީސް ޑރ.މުޙައްމަދު ޖަމީލްވަނީ ޢިލްމީ ކަރުދާހެއް ހުށައަޅުއްވާފައެވެ. މީގެ އިތުރުން ފަނޑިޔާރުންގެ މައްޗަށް ހުރި ނުފޫޒުތަކާއި ފަނޑިޔާރުން މިނިވަންކުރުމާއި ގުޅޭގޮތުން އެޓާނީ ޖެނަރަލްގެ އޮފީހުންވެސް ޚާއްސަ ކަރުދާހެއްވަނީ ހުށައަޅާފައެވެ.

މިކޮންފަރެންސާއި ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރައްވަމުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ލީގަލް އޮފިސަރ ފައިސަލް އާދަމް ވިދާޅުވީ ކޮންފަރެންސްގެ ފުރަތަމަ ދުވަހުވެސް މުހިއްމު ޢިލްމީ ކަރުދާސްތަކެއް ހުށައެޅުނުކަމަށެވެ.

"މި ކޮންފަރެންސްގައި މައިގަނޑު 20 ސެޝަންނެއް އަޅުގަނޑުމެން އެބަ ކުރިއަށްގެންދަން މީގެތެރޭގައި ބޭރުގެ އެކްސްޕާޓުން ދެއްވާ ކީނޯޓް އެޑްރެސް ހިމެނޭއިރު، ވަކިވަކި ކަރުދާސްތައް ހުށައެޅިގެން އެއާމެދު ބައިވެރިންގެ މެދުގައި ބަހުސްކުރެވި ޚިޔާލުބަދަލުކުރެއްވިގެންދާ ޖުމްލަ 18 ސެޝަނެއް އެބައުޅޭ މިއަދު ކުރިއަށްގެންދިޔަ 9 ސެޝަންގެ ތެރޭގައި ބައިވެރިންގެ ފަރާތުން ތަފާތު އެކި ޚިޔާލުތައް ބަދަލުކުރެވިގެންދިޔަ" ފައިސަލް އާދަމް ވިދާޅުވިއެވެ.

މިކޮންފަރެންސްގައި މާދަމާ ކުރިއަށްގެންދާ ސެޝަންތަކުގެ ތެރޭގައި ޝަރުޢީ ނިޒާމް އިސްލާހުކުރުމާއި، ފަނޑިޔާރުންގެ ޢިލްމީ ޤާބިލިއްޔަތާއި، އަޚްލާގާއި ނަޒާހަތްތެރިކަން ކަށަވަރުކުރުމާގުޅޭ ގޮތުންވެސް މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މަޢުލޫމާތުދެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރާއްޔިތުންގެ މަޖިލީހާއި ޝަރުޢީ ކޯޓުތަކުގެ އިތުރުން އެޓާނީ ޖެނަރަލްގެ އޮފީހާއި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުގެ އިތުރުން ތަންފީޒު އިދާރާތަކާއި ޤާނޫނީ ވަކީލުންނާއި މީޑިއާ ބައިވެރިކޮށްގެން ކުރިއަށްގެންދާ މިކޮންފަރެންސްގެ ސަބަބުން ޝަރުޢީ ދާއިރާ އިސްލާޙްކުރުމަށް ކުރާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އުއްމީދުކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާ އާއި އުއްތަމަ ފަނޑިޔާރުވެސް ވަނީ ވިދާޅުވެފައެވެ.