ޚަބަރު

މިރޭގެ މެޗުގެ މުހިއްމުކަން ދެޓީމަށްވެސް ބޮޑުވެފައި


އިނގިރޭސި އެފްއޭކަޕުގައި ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރާ މެޗުގެ މުހިންމުކަމާއި ދެ ޓީމަށްވެސް ބޮޑުވެއްޖެއެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން މެންޗެސްޓާގެ ކޯޗު އޮލޭގަނާ ސޮލްޝެއާ ބުނީ ޗެމްޕިއަންސް ލީގުގައި އޭނާގެ ޓީމަށް ޕީއެސްޖީ މެޗު ގެއްލުނީ އެންމެ 10 މިނިޓްތެރޭގައި ކަމަށާއި، މެޗުން ބަލިވީ ޑިފެންސިވް ގޯސްތަކަކުން ކަމަށެވެ. މިހެންވެ ޗެލްސީ ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ނުކުންނައިރު ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

މި މެޗަށް މި ދެ ޓީމު ނުކުންނައިރު އެންމެ ފަހުން ކުޅުނު ފަސް ފަހަރު ވެސް މި މުބާރާތުގައި ޗެލްސީންވަނީ ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދާފައެވެ. އެކަމަކު ސޮލްޝެއާ ބުނީ އެއީ ތާރީހް ކަމަށާއި މިމެޗުން ނަތީޖާ ނެރޭނީ އެންމެ ފުރިހަމައަށް ތައްޔާރުވި ޓީމު ކަމަށެވެ. ޗެލްސީގެ އެސިސްޓެންޓް ކޯޗު ޖިއަން ފްރެންކޯ ޒޯލާ ބުނީ ޗެލްސީގެ މާކޯސް އަލޮންސޯއާއި ރޮފްޓަސް ޗީކްވެސް މި މެޗަށް ފިޓުވާނެކަމުގެ އުއްމީދު ބޮޑުކަމަށެވެ.

ޒޯލާ ބުނީ އެންމެ ފަހުން ކުޅުނު ގިނަ މެޗުތަކުގައި ސަޕޯޓަރުން އެދޭފަދަ ނަތީޖާތަކެއް ނުނެރޭތީވެ މި މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށެވެ. ޒޯލާ ބުނީ މެންޗެސްޓާ ސިޓީ އަތުން 6-0އިން ބަލިވި މެޗު ފަދަ ނަތީޖާތަކުގެ ސަބަބުން ސަޕޯޓަރުން ތިބީ މާޔޫސްވެފައި ކަމަށެވެ. އަދި އެފަދަ ނަތީޖާތަކަކަކީ ކުޅުންތެރިންނާއި ކޯޗަށް ވެސް ކުރިމަތިވާ ޕްރެޝަރުތަކެއް ކަމަށާއި ޔުނައިޓެޑް ބަލިކޮށް ސަޕޯޓަރުން އުފާކޮށްދޭން ބޭނުންވާކަމަށެވެ.