ކުޅިވަރު

ޗެލްސީ ދޫކޮށްދާނަމަ ކުޅެން ބޭނުންވަނީ ރެއާލް ނޫނީ ބާސެލޯނާއަށް - ކާންޓޭ


ޗެލްސީ ދޫކޮށްދާނަމަ ކުޅެން ބޭނުންވަނީ ސްޕޭނުގެ ބޮޑު ދެ ކުލަބު ކަމަށްވާ ރެއާލް މެޑްރިޑް ނޫނީ ބާސެލޯނާ އަށް ކަމަށް އެންގޯލޯ ކާންޓޭ ބުނެފިއެވެ.

ހުސްވި އަހަރުގެ ވޯލްޑް ކަޕް ފްރާންސަށް ހޯދައިދިން ވަރުގަދަ މިޑްފީލްޑަރު މިހެން ބުނީ އޭނާ ގަތުމަށް ފްރާންސްގެ ޕީއެސްޖީން ކުރި މަސައްކަތަށް ނޫނެކޭ ބުނެފައެވެ.

ކާންޓޭ އަކީ މީގެ ދެ އަހަރު ކުރިން ލެސްޓާ ސިޓީން ޗެލްސީ އަށް ގެނައި ކުޅުންތެރިއެކެވެ. އޭނާ އަކީ ލެސްޓާ އަށް އިނގިރޭސި ޕްރެމިއާ ލީގު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

ކާންޓޭ އަށް މިވަގުތު ބާސެލޯނާ އާއި ރެއާލްއިން ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ. ނަމަވެސް ބާސެލޯނާ އަށްވުރެ ބޮޑަށް އޭނާގެ އެހީ އަށް އެދުން ގާތީ ރެއާލް މެޑްރިޑެވެ. އެއީ މި ސީޒަނަށް ފަހު ރެއާލްގެ ސްކޮޑް ބަދަލު ކުރަން އެ ޓީމުން މަސައްކަތް ކުރާތީއެވެ. ހާއްސަކޮށް މި ސީޒަނަށް ފަހު ރެއާލްގެ ކޯޗުކަމާ ހޯސޭ މޮރީނިއޯ ހަވާލުވެއްޖެނަމަ ކާންޓޭ އަށް އޮތް ފުރުސަތު ބޮޑުވުމެވެ.