ޚަބަރު

މާލެއަށް އެތެރެކުރާ އުޅަނދުތަކުގެ ޢަދަދު ކޮންޓްރޯލްކުރަނީ


މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް، މާލޭގައި ދުއްވާ އެއްގަމު އުޅަނދުގެ އަދަދު ކޮންޓްރޯލްކުރުމަށް މާލޭ ސިޓީ ކައުންސިލުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މާލޭގެ މަގުތަކުގެ ޙާލަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ބޮޑުވަނީ އެއްވެސް ހިފެހެއްޓުމެއްނެތި މާލެއަށް އެއްގަމު އުޅަނދު އެތެރެކުރަމުންދާތީކަމަށެވެ. މިކަން ހައްލުކުރުމަށް މާލެއަށް އެތެރެކުރާ އުޅަނދުތަކުގެ އަދަދު ކޮންޓްރޯލް ކުރުމަށް މަޝްވަރާކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ހުށަހަޅާފައިވާކަމަށް ސިފާ ވިދާޅުވިއެވެ.

ސިފާ ވިދާޅުވީ ޕާރކިން މައްސަލައާއި، މަގުތަކުގައި އުޅަނދުތައް ދުއްވާ ވަގުތު ތޮއްޖެހުމަށް އެންމެ ބޮޑަށް މެދުވެރިވަނީ، މަގުތަކުގައި ޕާރކުކޮށްފައިވާ ބޭނުންނުކުރާ އުޅަނދުތައްކަމަށެވެ. އެގޮތުން މިހާރުވެސް ބޭނުންނުކޮށް މަގުމަތީގައި އެއްތަށް ދުވަހެއް ވެފައިވާ އުޅަނދުތައް ހުރިކަން ސިފާ ފާހަކަކުރެއްވިއެެވެ. މިފަދަ މައްސަލަތައް ހައްލުކުރުމަށް މާލޭގައި ބޭނުކުރާ އެއްގަމުން އުޅަނދުތަކަކީ ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް ބޭނުންކުރެވޭ އުޅަނދުތަކަކަށް ހެދުމަށް ސިޓީ ކައުންސިލްގެ ފަރާތުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށް މޭޔަރ ވިދާޅުވިއެވެ.

"
"މާލޭގެ މަގުތަކުގައި ބޭނުންނުކޮށް ދޫކޮށްލާފައިވާ ވަރަށް ގިނަ އުޅަނދު އެބަހުރި. އެކަމަކު ހުރިހާ އުޅަނދެއް ނަގައިގެން ގެންގޮސް ޓޯ ކުރުމަކީވެސް ފަސޭހަ ކަމެއް ނޫން. އެހާ ޖާގައެއްވެސް ނެތް."
ސިފާ ވިދާޅުވިއެވެ.

މާލެ ސިޓީގެ މޭޔަރ ވިދާޅުވީ އުޅަނދުތައް ޓޯ ކުރުމަކީ މިކަމަށް އޮތް އެކަށީގެންވާ ހައްލެއްނޫންކަމަށާއި، މާލޭގައި ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލަކަށްވާނީ އުޅަނދުތައް އެތެރެކުރާ މިންވަރު ކޮންޓްރޯލްކުރެވިގެންކަމަށެވެ. އަދި ވަކި ސައިޒުތަކާއި، ވަކިި މޮޑެލްތައް އެކަނި އެތެރެކުރެވޭގޮތް ހެދުމަކީވެސް މިކަން ޙައްލުކުރުމަށް ކުރެވިދާނެ ކަމެއްކަމަށް ސިފާވަނީ ވިދާޅުވެފައެވެ.

މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް، ގަވާއިދުތަކަށް އިސްލާހު ގެނައުމުގެ ބާރު ޓްރާސްޕޯޓް މިނިސްޓްރީއަށް ލިބިގެންވާކަން ފާހަގަކުރައްވައި، ސިފާ ވިދާޅުވީ އުޅަނދުތަކުގެ އަދަދު ކޮންޓްރޯލް ކުރުމުގެ މަޝްވަރާތައް މިނިސްޓްރީއާއިއެކު މިހާރުވެސް ކުރަމުންދާކަމަށެވެ.