އިންތިޚާބީ މަޤާމްތަކުގެ ވަކި އިންސައްތައެއް އަންހެނުންނަށް ޚާއްޞަ ކުރުމަކީ ތަފާތުކުރުން ނޫންކަމަށާއި، އެއީ ސިޔާސީ ދާއިރާގައި އަންހެނުން ބައިވެރިވުމަށް ލިބޭ އިތުރު ފުރުޞަތެއްކަމަށް ޖެންޑަރ މިނިސްޓަރ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ހަރަކާތްތަކުގައި ދިވެހި އަންހެނުންގެ ދައުރު ބޮޑުވިނަމަވެސް، ސިޔާސީ ޕާޓީތަކާއި ދައުލަތުގެ މުއައްސަސާތަކުގެ މަތީ ފަންތީގައި އަންހެނުންގެ ބައިވެރިވުން އަދިވެސް ނިސްބަތުން މަދުކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންކަމަށްވީނަމަވެސް ޤާނޫނު ހަދާ މަޖިލީހުގައި އަންހެނުންގެ ނިސްބަތް އެންމެ 5 އިންސައްތައިގައި ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އިންތިޚާބީ މިފަދަ މަޤާމްތަކުގެ ވަކި ޕަސެންޓެއް އަންހެނުންނަށް ޚާއްޞަ ކުރުމަކީ ތަފާތުކުރުން ކަމުގައި ދެކެވަޑައިނުގަންނަވާކަމަށާއި، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް އަންހެނުންނާއި ފިރިހެނުންނާއި ދެމެދު އޮންނަ ފަރަގު ކުޑަކުރުމަށް މިފަދަ ކަންކަން ކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ވަރަށް ސްޕެސިފިކްކޮށް ދަންނަވަންޏާ ޤާނޫނު ހަދާ މަޖިލީހުގައި އަންހެނުންނަށް ހައްޤުވާ މިންވަރު ހޯދަން އެބަޖެހޭ ގޮނޑި ރިޒަރވްކުރަން. އިންތިޚާބީ ހުރިހާ މަޤާމުތަކެއްގައިވެސް އެބަޖެހޭ ރިޒަރވް އަދަދެއް އަންހެނުންނަށް އޮންނަން. މިއީ އެއްގޮތަކަށްވެސް ތަފާތުކުރުމެއްނޫން. މިހާރު އަންހެނުން ރެޕްރެޒެންޓްނުކުރެވި އޮތް އޮތުން އެއީ ތަފާތުކުރުމަކީ. ދިވެހި މުޖުތަމަޢުގެ 50 އިންސައްތަ ގާތްގަނޑަކަށް އަންހެނުންގެ އާބާދީ ހިއްސާކުރާއިރު، ޤާނޫނު ހަދާ މަޖިލީހުގައި 5 ޕަސެންޓު އަންހެނުން ތަމްސީލުކުރުމަކީ އެއީ ބަލައިގަނެވޭނެ ކަމެއްނޫން." ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ.
ޖެންޑަރ މިނިސްޓަރ ޝިދާތާ ވިދާޅުވީ، 2016 ވަނަ އަހަރުގެ ތެރޭގައި ތަސްދީގު ކުރެވުނު ޖެންޑަރ އިކުއަލިޓީގެ ޤާނޫނަކީ އަންހެނުން ބާރުވެރިކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. ނަމަވެސް މި ޤާނޫނު އެންމެ އެކަށީގެންވާގޮތުގައި ތަންފީޒުކުރުމުގައި ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމިއްޔާތަކަށްވެސް ބޮޑެތި ޒިންމާތަކެއް ހަވާލުވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.