ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމުގެ އެންމެބޮޑު މަޤްޞަދަކީ އެމަނިކުފާނު ޙައްޔަރުކޮށް، އެމަނިކުފާނުގެ ޢިއްޒަތް ރައްޔިތުންގެ ހިތްތަކުން ފިލުވާލުންކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ކުރީގެ ސަރުކާރުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރިތާ އެއްއަހަރު ފުރުމާގުޅިގެން އެކަމަށް އިޝާރާތްކުރައްވައި ރައީސް މައުމޫންގެ ފަރާތްޕުޅުން ނެރުއްވާފައިވާ ނޫސްބަޔާނެއްގައިވަނީ، ކުރީގެ ސަރުކާރުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރީ ރާއްޖޭގެ ޤާނޫނޫއަސާސީގެ އުޞޫލުތަކާޚިލާފަށް އަދި ޤާނޫނު އަސާސީން ލިބިދޭ ޙައްޤުތައްވެސް ނަގާލައި ޢަދުލުއިންސާފް ނިޒާމް ފުނޑުފުނޑުކޮށްލާފައިކަމަށެވެ.
ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމުގެ އެންމެ ބޮޑު މަޤްޞާދަކަށް ވެފައިއޮތީ އެމަނިކުފާނު ހައްޔަރު ކުރުރުންކަމަށް ހާމަވާކަމަށާއި، ކުއްލި ނުރައްކަލުގެ ހާލަތުގައި އެންމެ ފުރަތަމަ ހައްޔަރުކޮށް ދޫނިދޫ ޖަލަށް ގެންދިޔައީވެސް އެމަނިކުފާނުފާނާއި ދަނބިދަރިކަލުން މުޙައްމަދު ނަދީމްކަމަށް މައުމޫނުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތަށް އެއްހަރުފުރުނުިއރު، އެކަމުން ހާމަވިކަމަކީ އެމަނިކުފާނުގެ ބޮލުގައި އަޅުވަމުން ދިޔަ އިލްޒާމްކީ އެއްވެސް ޙަޤީޤަތެއްނެތް ދޮގު އިލްޒާމުތަކެއްކަމަށާ، ވަކިމީހެއް ނުވަތަ ވަކިބައެއްގެ ފައިދާއަށްޓަކައި ޤާނޫނުތަކާއި ޚިލާފަށް ބާރުގެ ބޭނުންކޮށްގެން އެމަނިކުފާނުގެ އަގު ވައްޓާލަން ކުރެވުނު މަސައްކަތެއްކަމަށްވެސް މައުމޫންގެ ބަޔާނުގައި ވަނީ ތުހުމަތުކުރައްވާފައެވެ.
އަދި އެއަނިޔާވެރި ޢަމަލު ހިންގި މީހުންނާމެދު ކަމާބެހޭ ފަރާތްތަކުން އިންސާފުވެރި ފިޔަވަޅުތައް އެޅުމަށްވެސް ރައީސް މައުމޫން ވަނީ ގޮވާލައްވާފައެވެ. އެހެންނޫންނަމަ ކުރިއަށް އޮތްތަނުގައިވެސް އިސްމަޤާމުތަކުގައި ތިއްބަވާ ފަރާތްތައް ބާރުގެ ބޭނުންކޮށްގެން އަނިޔާވެރި ކަންކަން ކުރުމަށާއި ޣައިރު ޤާނޫނީ ކަންތައްތައް ކުރުމަށް ޖެހިލުން ނުވާނެކަމަށްވެސް ރައީސް މައުމޫން ނެރުވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ކުރީގެ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އެއިރު އިޢުލާންކުރީ އެކިސަބަބުތަކާހުރެ ހައްޔަރުކޮށްފައިވާ ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާގުޅިގެން ގާނޫނު އަސީން ކަށަވަރުކުރާ ބައެއް ހައްގުތައް ހިފެހެއްޓުމަށްޓަކައިކަމަށް އޭރު ސަރުކާރުންވަނީ ވިދާޅުވެފައެވެ.