ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޓެކްނޮލޮޖީ ފެއަރ "މޯލްޑިވްސް އައިސީޓީ އެކްސްޕޯ އެންޑް ކޮންސިއުމަރ އިލެކްޓްރޯނިކްސް ފެއަރ" ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ލޯންޗްކޮށްދެއްވައިފިއެވެ. މި ފެއަރ ލޯންޗްކޮށްދެއްވީ ހޮޓެލް ޖެންގައި އެކަމަށްޓަކައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ.
މި ފެއަރ ލޯންޗްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހް ޖަމާލް ވިދާޅުވީ، މިއީ އެ މިނިސްޓްރީގެ އެންޑޯސްމަންޓްއާއިއެކު ބާއްވާ މިފަދަ ފުރަތަމަ އިވެންޓްކަމަށެވެ.
މި އިވެންޓް ކާމިޔާބު އިވެންޓަކަށް ހެދުމަށް މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށާއި، އައިސީޓީ އަދި ޓެކްނޮލޮޖީ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުންވެސް ލިކަމެކަށް މިކަމުގައި އެއްބާރުލުން ދެއްވުމަށް މިނިސްޓަރު މަލީހު ވަނީ އިލްތިމާސް ކުރައްވާފައެވެ.
"މޯލްޑިވްސް އައިސީޓީ އެކްސްޕޯ އެންޑް ކޮންސިއުމަރ އިލެކްޓްރޯނިކްސް ފެއަރ" ބޭއްވުމަށް ހަމަޖެހިފައިވަނީ، ޖޫންމަހު ދަރުބާރުގޭގައެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ފެއަރ ގައި ރާއްޖޭގެ ބޮޑެތި ހުރިހާ ކުންފުނިތަކަކުން ލިބެންހުރި އެންމެ ޒަމާނީ ވަސީލަތްތައް ދައްކާލުމާއިއެކު އާންމުންނަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ފެއަރގައި ރާއްޖޭގެ ކުންފުނިތަކާއި ގެސްޓްހައުސްތަކާއި ހޮޓެލްތަކުގެ ވެރިންގެ އިތުރުން އައިޓީ ދާއިރާގައި މަސައްކަތްކުރާ މީހުން ބައިވެރިވާ ސިންޕޯސިއަމްއެއްވެސް ކުރިއަށްދާނެކަމަށް އިވެންޓް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ. އަދި މީގެއިތުރުން ބީޓުބީ މީޓިންގ ތަކަށް އޮންލައިންކޮށް ރިކުއެސްޓްކޮށްގެން ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. މި ފެއަރއަކީ ލިކްމެކްއިން އިންތިޒާމްކޮށްގެން ބާއްވާ ފެއަރއެކެވެ.
މި ފެއަރގައި އިލެކްޓްރޯނިކްސްއާއި ގުޅުންހުރި ހުރިހާ ސާމާނެއް ހެޔޮ އަގެއްގައި ގަތުމުގެ ފުރުސަތު ލިބޭނެއެވެ. މިއަހަރުގެ ތެރޭގައި ރާއްޖޭގެ އުތުރާއި ދެކުނުގައި ޓެކްނޮލޮޖީ ރޯޑް ޝޯތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ލިކަމެކުން ބުނެއެވެ.