ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ލަނޑާއެކު ޔުވެންޓަސް މޮޅުވާން ދަނިކޮށް މެޗުގެ ފަހު މިނެޓުގައި ޕާމާ އިން ލަނޑު ޖަހާ ޔުވެންޓަސް މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.
ސެރީއޭގައި 12 ވަނައިގައި އޮތް ޕާމާ އާއި ޔުވެންޓަސް ރޭ ވާދަކުރި މެޗު ނިމުނީ ތިނެއް ތިނަކުން އެއްވަރުވެގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުވެންޓަސް އިންނެވެ. މި ލަނޑު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުވެންޓަސް އަށް ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އެއް ލަނޑުގެ ލީޑެއްގައި އޮވެ ފުރަތަމަ ހާފު ޔުވެންޓަސް އިން ނިންމާލިނަމަވެސް، މެޗުގެ ފަސްދޮޅަސް ދެވަނަ މިނެޓުގައި ރޮނާލްޑޯގެ އެހީތެރިކަމާއެކު ރުގަނީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާގެ ފަރަގު ޔުވެންޓަސް އަށް ފުޅާކޮށްދީފައެވެ.
ޔުވެންޓަސް އިން ދެ ލަނޑުގެ ލީޑެއް ނެގިތާ ދެ މިނެޓު ފަހުން ޕަރްމާގެ އެންޓޮނީނޯ ބަރިއްލާ ވަނީ ލަނޑެއް ޖަހާ މެޗުގައި ޕާމާގެ ފުރަތަމަ ލަނޑު ޖަހައިދީފައެވެ. މި މެޗުގައި ޔުވެންޓަސް އިން ޖެހި ތިން ވަނަ ލަނޑު މާރިއޯ މަންޒުކިޗްގެ އެހީތެރިކަމާއެކު އެޓީމަށް ޖަހައިދިނީ ކްރިސްޓީއާނޯ ރޮނާލްޑޯއެވެ.
މި ލަނޑާއެކު ދެ ލަނޑުގެ ލީޑެއް ޔުވެންޓަސް އިން ނެގިނަމަވެސް ޕާމާ އިން ވަނީ ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށް ޔުވެންޓަސް މާޔޫސްކޮށްލާފައެވެ. ޕާމާގެ ފަހު ދެ ގޯލްވެސް ޖަހައިދިނީ ޖާވީނިއޯއެވެ.
ރޭގެ މެޗުން ޔުވެންޓަސް އެއްވަރުވިކަމުގައިވީނަމަވެސް އިޓާލިއަން ސެރީއޭގެ އެއްވަނައިގައި ޔުވެންޓަސް އޮތީ ފަސްދޮޅަސް ޕޮއިންޓާއެކުއެވެ. ޕާމާ އޮތީ އޮނަތިރީސް ޕޮއިންޓާއެކު ތާވަލްގެ ބާރަ ވަނައިގައިއެވެ.