ސީޒަން ފެށުމުގެ ކުރިން މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލާނެކަމަށް ބެލެވުނު އެންތަނީ މާޝިއާލް އެކުލަބާއިއެކު އައު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
23 އަހަރުގެ މާޝިއާލް ޔުނައިޓެޑާއިއެކު ހަދާފައިވާ އެއްބަސްވުން މާޝިއާލް އައުކުރީ 2024ގެ ނިޔަލަށެވެ. ޔުނައިޓެޑްގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން މާޝިއާލްއަށް ފުރުސަތުނުލިބޭތީ އޭނާ ކުލަބު ދޫކޮށްލާން ތައްޔާރަށް ހުރިކަމަށް މިދިޔަ އަހަރުގެ ޖޫންމަހުވަނީ ބުނެފައެވެ.
އަދި އޭނާ ވިއްކާލަން މޮރީނިއޯވެސް އޭރު ހުރީ ތައްޔާރަށެވެ. މިދިޔަ ޑިސެމްބަރު މަހު މޮރީނިއޯ މަގާމުން ވަކިކޮށް ކޯޗްކަމާއި އޮލެ ގަނަ ޝޮލްޝަޔާ ހަވާލްވި ފަހުން މާޝިއާލްގެ ވިދުން އަންނަނީ ގަދަވަމުންނެވެ. އަދި ކޯޗު ޝޮލްޝާޔާވެސްވަނީ މާޝިއާލްއަކީ ޔުނައިޓެޑްގެ މުސްތަގްބަލްކަމަށް ބުނެ އޭނާއަށް ތައުރީފްވެސްކޮށްފައެވެ.
އައު ކޮންޓްރެކްޓްގައި ސޮއިކުރުމަށްފަހު މާޝިއާލް ބުނީ އައު ކޯޗުގެ އިތުބާރު ލިބުމަކީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުންކަމަށާއި ކުރީގެ މާޔޫސްކަން މިހާރު ހިނގައްޖެކަމަށެވެ.