ޚަބަރު

ޤަވާއިދާ ޚިލާފަށް މަގުމަތީގައި ބަހައްޓާ ކުނި ނެގުމަށް އަހަރަކު 2 މިލިއަން ރުފިޔާ ޚަރަދުވޭ - މޭޔަރ ޝިފާ


މާލޭގެ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ބަހައްޓާފައި ހުންނަ ކުނިތައް ނެގުމަށް އަހަރެއްގެ މައްޗަށް އެވެރަޖްކޮށް 2 މިލިއަނެއްހާ ރުފިޔާ ޚަރަދުވާކަމަށް މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މާލޭ ފެހިކުރުމަށް ބޭނުންވާ ގަސްތައް ސިޓީ ކައުންސިލާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މާލޭގެ ކުނީގެ ހާލަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މާލޭ ސިޓީ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވީ، މާލެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ އެކި ފަންތީގައި ތަފާތު މަސައްކަތްތަކެއް ކުރަމުންދާއިރު، އެކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޤަވާއިދާ ޚިލާފަށް މާލޭގެ މަގުތަކުގައި އެކި ފަރާތްތަކުން ކުނި ބަހައްޓާ ބެހެއްޓުންކަމަށެވެ. އަދި އެފަދަ ކުނިތައް ނެގުމަށް އެވެރެޖްކޮށް އަހަރެއްގެ މައްޗަށް 2 މިލިއަނެއްހާ ރުފިޔާ ދަޢުލަތުން ޚަރަދުވާކަންވެސް މޭޔަރ ފާހަގަކުރެއްވިއެވެ. ޝިފާ ވިދާޅުވީ، ޤަވާއިދާ ޚިލާފަށް މަގުތަކުގައި ކުނި ބަހައްޓާ ބެހެއްޓުން ހުއްޓުމަކަށް ގެންނަންޖެހޭކަމަށެވެ.

"ޖުމްލަ ގޮތެއްގައި ހުރިހާ ރައްޔިތުންނަށް ލިބިފައި ހުންނަ ފައިސާ ވަކި ބަޔަކު މަގުމަތީގައި ކުނި ބެހެއްޓުމުގެ ސަބަބުން، އެ ކުނި ނެގުމަށްޓަކާ ލޮރީ ބޭނުންކުރަން އެބަޖެހޭ.. ސްޓާފުން ބޭނުންކުރަންޖެހޭ.. ތެޔޮ ބޭނުންކުރަންޖެހޭ.. މާލެއިން އެތަކެތި ބޭރުކުރުމަށްޓަކާ ފައިސާވެސް ޚަރަދު އެބަކުރަންޖެހޭ.. މިއަދާ ހިސާބަށް ބަލާލިއިރުވެސް ގާތްގަނޑަކަށް 2 މިލިއަނެއްހާ ރުފިޔާ އެވެރެޖްކޮށް ކޮންމެ އަހަރަކު އެބަޖެހޭ މިގޮތަށް ހުންނަ ކުނި ނެގުމަށް ޚަރަދުކުރަން،" ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ މާލޭ ސިޓީގެ ފެހިކަމާއި ރީތިކަން ދެމެހެއްޓުމަށްޓަކާ ޢާއްމު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ހަރުކަށި ޢުޞޫލުތަކާއި ޤަވާއިދުތަކެއް ހެދުމުގެ ބަދަލުގައި ފަރުދީ ޒިންމާ އެކަމުގައި ކުރިއަށްނެރެ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، ޒަރޫރީ ބޭނުންތަކުގައި މާލެއަށް ދަތުރުކުރާ ފަރާތްތަކަށްވެސް މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް މާލޭ ސިޓީ މޭޔަރ ގޮވާލައްވާފައިވެއެވެ.

ޤަވާއިދާ ޚިލާފަށް މާލޭގެ މަގުތަކުގައި ބެހެއްޓުން ހުއްޓުވުމަކަށް ގެނައުމުގެ ގޮތުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ، އީ.ޕީ.އޭއާއި ގުޅިގެން އެފަދަ ފަރާތްތަކުގެ ނަން ހާމަކުރަން މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ ފަށާފައެވެ. އަދި އެންމެ ގިނައިން ކުނި އަޅާ ސަރަޙައްދުތަކަކީ ކޮބައިކަން ދެނެގަނެ، އެތަންތަން އެވަޔަރަމަންޓް ޕޮލިސް މެދުވެރިކޮށް ބެލެހެއްޓުމަށްވެސް ސިޓީ ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.