ޚަބަރު

ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ވިޔާފާރީގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި


ރާއްޖެއާއި އިނގިރޭސިވިލާތާ ދެޤައުމުގެ ދެމެދު ވިޔާފާރިގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައްކޮށްފައިވަނީ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުފައި ދެޤައުމުގެ އިސް ބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުންތަކުގައެވެ.
މިނިސްޓަރ ޝާހިދު ވަނީ އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރޭޑް ޕޮލިސީ ޖޯޖް ހޮލިންގބެރީއާ ބައްދަލުކުރައްވައި ރާއްޖޭގެ ވިޔަފާރި ސިނާއަތް ކުރިއަރުވައި ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ފުޅާކުރެއްވުމާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ފޮރިންގ މިނިސްޓަރުގެ މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސިޔާސީ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުންނާވެސް ބައްދަލުކުރައްވާފައިވޭ. އަދި އެކިދާއިރާތަލުން ރާއްޖެއިން ބޭނުންވާ އެއްބާރުމާ ބެހޭގޮތުން އެބޭފުޅުންނާއެކު މިނިސްޓަރވަނީ މަޝްވަރާކުރައްވާފައި.
މިނިސްޓަރ ޝަހިދުވަނީ އިނގިރޭސިވިލާތުގެ ކޮންޒަރވޭޓިވް ޕާޓިގެ ވައިސް ޗެއަރޕާސަން އަދި ޤާނޫނުހަދާ މަޖިލީހުގެ މެންބަރު ހެލެން ގްރޭންޓާއި އޯލް ޕާޓި ޕާލިމަންޓްރީ ގްރޫޕްގެ ޗެއަރ ޑޭވިޑް އޭމްސްއާއިވެސް ބައްދަލުކުރައްވާފައެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް މިހާރުގެ ސަރުކާރުން ކުރައްވާ މަސައްކަތް އެބޭފުޅުންނާ ހިއްސާކުރައްވާފައިވެއެވެ.

ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅަކީ އެޤައުމުގެ ފޮރިންގ އޮފީހުން ބާއްވާ ޑިމޮކްރަސީއާބެހޭ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.