ބިޑްކުރުމުގެ ދަޢުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކަށައަޅައި، އަމަލުކުރަން ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މުޅިން އަލަށް އެކުލަވާލި "ބިޑް ކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެއްކަމަށް ރައީސް އޮފީހުން ބުނެއެވެ. މި އުސޫލުގެ ދަށުން ވަކި މަޝްރޫޢެއް ހިންގުމަށް ސަރުކާރުން އިޢުލާންކުރުމުގެ ކުރިން އަމިއްލަ ފަރާތްތަކުން އިސްނަގައިގެން، ސަރުކާރުގެ ތަރައްޤީގެ ލަނޑުދަނޑިތަކާ ގުޅުންހުރި މަޝްރޫޢުތައް ހިންގުމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ މަގު ފަހިވެގެންދާނެއެވެ.
ސަރުކާރުން ކަނޑައަޅައިފައިވާ ވަކި މަޝްރޫޢަކަށް ނުފެތޭ، ނަމަވެސް ސަރުކާރުގެ ތަރައްޤީގެ އަމާޒުތަކަށް ވާޞިލުވުމަށް އެހީތެރިކަން ފޯރުކޮށްދޭފަދަ މަޝްރޫޢުތަކާ ގުޅޭ ޕްރޮޕޯޒަލްތަކާއި، ސަރުކާރުގެ ސްޓްރެޓީޖިކް ޑިވެލޮޕްމަންޓް ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންތައްތައް ހާސިލުކުރުމަށް މަގުފަހިކޮށްދޭފަދަ ޕްރޮޕޯޒަލްތައް ބިޑަށް ހުޅުވައިނުލިޔަސް، އަލަށް އެކުލަވާލި މި އުސޫލުގެ ދަށުން ސަރުކާރަށް ހުށަހެޅިދާނެއެވެ. ނަމަވެސް ސަރުކާރުން އިޢުލާން ކޮށްފައިވާ، ނުވަތަ އިޢުލާން ކުރުމަށް ތައްޔާރުވެފައިވާ މަޝްރޫޢަކަށް މިއުސޫލުގެ ދަށުން ޕްރޮފޯސަލް ހުށަނޭޅޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލަވާލާފައިވާ އުސޫލުގެ ދަށުން ފްރޮޕޯޒަލް ހުށަހަޅަންޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓަށެވެ. ނަމަވެސް މިފަދައިން ބިޑްކުރުމަކާ ނުލައި ހުށަހަޅާ ޕްރޮޕޯޒަލްތަކާ ގުޅިގެން އެންމެ ފަހު ނިންމުން ނިންމާ ފަރާތަކީ ވަޒީރުންގެ މަޖިލީހުގެ އިކޮނޮމިކް ކައުންސިލްކަމަށް މިއުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ބިޑް ކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލްގެ މަޤްޞަދަކީ ސަރުކާރުގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަމިއްލަ ފަރާތްތަކުގެ ވިސްނުމާއި ޚިޔާލު ބައިވެރިކުރެވޭނެ ގޮތްތަކެއް ހޯދައިދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތުދެއެވެ.
އަލަށް ޢަމަލުކުރަންފެށި މި އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓްގައި މިހާރު ވަނީ ޝާއިޢުކޮށްފައެވެ.