ޚަބަރު

ފޮރިން މިނިސްޓްރީން ޝެންގަން ވިސާ ދޫކުރަން ފަށައިފި


ޖަރުމަނުވިލާތަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް ޝެންގެން ވިސާ ދޫކުރަން ފަށައިފިއެވެ. މިއަދުން ފެށިގެން ފަސްދިވަހުގެ މުއްދަތަށް ކޮންމެ ދުވަހެއްގެ ހެނދުނު އަށަކުން އިރުއޮއްސި ހައެއްޖެހުމާ ހަމައަށް ވިސާ ޖަހާއިދެމުންދާނެކަމަށް ފޮރިން މިނިސްޓްރީގައި ޤާއިމްކޮށްފައިވާ ބަޔޯމެޓްރިކް ކްލިނިކުން މަޢުލޫމާތުދެއެވެ.

ވީސާ ދޫކުރަން ފަށައި އެކަމުގެ މަޢުލޫމާތު މީޑިއާއަށް ދެއްވަމުން ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދު ވިދާޅުވީ، އައިޓީބީ ފެއަރއާ ދިމާކޮށް ޝެންގެން ވިސާއަށް އެދުމަށް ހުޅުވާލި ފުރުސަތުގައި 123 މީހުން އެޕްލައިކޮށްފައިވާކަމަށެވެ. މީގެ ކުރިން ދެދުވަހުގެ މުއްދަތަށް ވިސާއަށް އެޕްލައިކުރުމަށް ހުޅުވާލިނަމަވެސް ޑިމާންޑް އިތުރުމާއި ގުޅިގެން މިމަހުގެ 31ވަނަ ދުވަހާހަމައަށް މުއްދަތު އިތުރުކުރައްވާފައިވާކަމަށް ފޮރިން ސެކްރެޓަރީ ވިދާޅުވިއެވެ.

ވަގުތީ ގޮތުން ވިސާ ދޫކުރުމަށް ފޮރިން މިނިސްޓްރިގައި ޤާއިމްކޮށްފައިވާ ބަޔޯމެޓްރިކް ކްލިނިކް މެދުވެރިކޮށް ވިސާ ދޫކުރިނަމަވެސް ކުރިއަށް އޮތްތަނުގައި ދާއިމީ ގޮތެއްގައި ވިސާ ލިބޭނެގޮތް ހެދުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްކުރައްވަމުން އަންނަކަމަށް ޢަބްދުލްޣަފޫރު މުޙައްމަދު ވިދާޅުވިއެވެ.

"މިއީ މިގޮތަށް ރާއްޖޭގައި ތިބެގެން ޝެންގަން ވިސާއަށް އެޕްލައިކޮށް ވިސާ ދޫކުރާ ފުރަތަމަފަހަރު. ދާއިމީގޮތެއްގައި ވިސާ ދޫކުރެވޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންމިދަނީ." ޢަބްދުލްޣަފޫރު މުޙައްމަދު ވިދާޅުވިއެވެ.

މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ސްރީކަންކާގެ ކޮލޮމްބޯގައި ހުންނަ ޖަރުމަނު އެމްބަސީގައި ވިސާގެ ކަންކަން އިންތިޒާމްކުރާ އެންމެ އިސް ބޭފުޅާ ސާޝާ ސްޕްރެއަރ ވިދަޅުވީ، ރާއްޖޭގައި ތިބެގެން ޝެންގަން ވިސާ ލީބެނެގޮތް ހެދުމުން އެކަށީގެންވާ ތަރުހީބެއް ލިބުނުކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ވިސާ ލިބޭނެ އިންތިޒާމް ގިނަކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ގިނަ ފަރާތްތަކުން ވިސާއަށް އެދިފައިވޭ. ރަނގަޅު ތަރުހީބެއް ލިބިގެންދިޔަ. މުސްތަޤްބަލުގައި މިއަށްވުރެ ގިނައިން މި ކްލިނިކް ޤާއިމްކުރުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން." ސާޝާ ސްޕްރެއަރ ވިދާޅުވިއެވެ.

ޝެންގަން ވިސާ ރާއްޖެއިން ދޫކުރން ފަށާފައިވާއިރު، ދަތުރުކުރެވޭނީ ހަމައެކަނި ޖަރުމަންވިލާތަށް އެކަނިކަމަށް ފޮރިންގ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. ދާއިމީގޮތެއްގައި ޝެންގަން ވިސާ ރާއްޖެއިން ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ފޮރިން މިނިސްޓްރީން މަޢޫލޫމާތުދެއްވައެވެ.