ވިޔަފާރި

މިދިޔަ އަހަރު ދައުލަތަށް ޓެކްސްގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ


2018 ވަނަ އަހަރު ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އޭގެ ކުރީއަހަރާއި އަޅާބަލާއިރު %7 އިތުރުވެއްޖެއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން ނެރެ އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، މިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި އެއޮތޯރިޓީއަށް 16.4 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. 2017 ވަނަ އަހަރު މިއަދަދު އުޅެނީ 15.2 ބިލިއަން ރުފިޔާގައެވެ.
ރިޕޯޓް
މިދިޔަ އަހަރު މީރާއަށް އެންމެ ގިނަ އަދަދަކަށް އާމްދަނީ ބަލައިގަނެފައިވަނީ، ޖީ.އެސް.ޓީ އިންނެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ އަހަރު 7.6 ބިލިއަން ރުފިޔާ ބަލައިގަނެފައިވާއިރު، އެއީ ޓެކްސްގެ ގޮތުގައި ބަލައިގަތް އާމްދަނީގެ %47 އެވެ. މީގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ ގޮތުގައި ލިބުނު 4.7 ބިލިއަން ރުފިޔާ އާއި އާއްމު ޖީއެސްޓީގެ ގޮތުގައި ލިބުނު 2.9 ބިލިއަން ރުފިޔާއެވެ.

ޖީ.އެސް.ޓީގެ އިތުރުން ދެން އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ރިސޯޓްތަކުގެ ކުލީގެ ގޮތުގައެވެ. ރިސޯޓްތަކުގެ ކުލީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ބަލައިގަނެފައިވާއިރު މިއީ ޖުމްލަ އާމްދަނީގެ %17 އެވެ. މީގެއިތުރުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 646 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު މީރާއަށް 2 ބިލިއަނަށްވުރެ ރުފިޔާ ވަނީ ލިބިފައެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 810 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރު މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ އުޅެނީ 623 މިލިއަނުގައެވެ. މިދިޔަ އަހަރު މީރާއަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޖެނުއަރީމަހުއެވެ. އެގޮތުން ޖެނުއަރީމަހު މީރާއަށް ވަނީ 2.1 ބިލިއަން ރުފިޔާ ލިބިފައެވެ.