ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޓީ.އެފް.ޖީ މެރަތަން ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ. އެމަނިކުފާނު މިމެރަތަން ފަށްޓަވައިދެއްވީ ހައްދުންމަތީގެ ބައެއް ރަށްރަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ގަމުގައި މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތުގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައމަދު ޞާލިޙް ހައްދުންމައްޗަށް ކުރައްވަމުންދާ ދަތުރުފުޅުގައި ކައްދުއަށް ވަޑައިގަތުމުން ކައްދޫ އިސްކަންދަރު ވައިގެ ބަނދަރުން ވަނީ އެމަނިކުފާނަށް ވަރަށް ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވުމަށް ކައްދޫ އެއަރޕޯޓް ސަރަޙައްދަށް ވަރަށް ގިނަ ޢަދަދެއްގެ ޢާންމުން ޖަމާވިއެވެ. މި ދަތުރުފުޅަކީ ލ.ގަމުގައި ޓީ.އެފް.ޖީ.އިން ބާއްވާ މެރެތަން ރަސްމީކޮށް ފަށްޓަވައިދެއްވުމަށާއި، މެރަތަންގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅެކެވެ. މި މެރަތަން ފެށުމުގެ ރަސްމިއްޔާތު ބޭއްވީ ލ.ގަމު މަތިމަރަދޫގައެވެ. ރައީސުލްޖުމްހޫރިއްޔާ މި މެރަތަން ފަށްޓަވައިދެއްވުމާއެކު މެރަތަންގައި އެންމެ ފުރަތަމަ ދުވެފައިވަނީ ކުޑަކުދިންނެވެ. މި ދުވުން ފުރިހަމަކުރި ބައިވެރިންނަށް މެޑެލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.
ރާއްޖޭގެ އެންމެ މަޤުބޫލު އެއް ޖިމް ހިންގާ ޓީއެފްޖީން އިންތިޒާމްކުރާ ދުވުމުގައި ފަސް ކިލޯމީޓަރުގެ ދުވުމާއި، ދިހަ ކިލޯމީޓަރު ދުވުމާއި، ހާފް މެރެތަން އަދި މެރެތަން އޮންނާނެއެވެ. މީގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވަނީ ފަސް ކިލޯ މީޓަރު ދުވުމުގައެވެ.
ރާއްޖޭގެ ދުވުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ މި މެރެތަންގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދުވުންތެރިންވެސް ބައިވެރިވެއެވެ.
މިފަހަރުގެ މެރަތަންގައި 500 ދުވެރިންތެރިން ބައިވިވެއެވެ. މި މެރަތަން ކުރިއަށްދަނީ ހައްދުންމަތީ ގަން، މާންދޫ، ކައްދޫ އަދި ފޮނަދޫ ގުޅުވައިދޭ ލިންކް ރޯޑްގައެވެ. ލާމު މެރެތަން ފަށްޓަވާދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ ގަމުގައި ހުންނަ ޒޯން ސްޓޭޑިއަމާއި ޔޫތް ސެންޓަރު ބައްލަވައިލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފުވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅުގައި އެއަތޮޅުގެ ބައެއް ކައުންސިލްތަކާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.