ޚަބަރު

އައްޑޫގެ ދާއިރާތައް އިތުރުކުރުމުގެ މައްސަލައިގެ އިޖުރާއަތްތައް ފުރިހަމައެއް ނުވޭ - އީސީ


އައްޑޫ ސިޓީއަށް މިހާރު ކަނޑައަޅާފައިވާ އިންތިޚާބީ ދާއިރާތައް އިތުރު ކޮށްދިނުމަށް ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އިޖުރާތްތައް ފުރިހަމަނުވާ ކަމަށާ ހައިކޯޓަށް އެމައްސަލަ ނުބެލޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ކޯޓުގައި ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް ގޮނޑި އިތުރުކޮށްދިނުމަށް އެދި ކުރީގެ ބަންޑާރަނާއިބު އަލްއުސްތާޛު ހުސްނުއްސުޢޫދާއި އައްޑޫސިޓީއަށް ނިސްބަތްވާ އިތުރު ބޭފުޅަކުވެގެން ހުށަހެޅުއްވި މައްސަލައާ ގުޅިގެން މިއަދު ހައިކޯޓުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ މިމައްސަލަ ދުސްތޫރީ މައްސަލައަކަށްވާ ގޮތާއި މިމައްސަލައަކީ ފުރަތަމަވެސް ހައިކޯޓުން ބަލަންޖެހޭ މައްސަލައެއްތޯ ދައުވާކުރާ ފަރާތާއި ސުވާލު ކުރައްވާފައެވެ.

ފަނޑިޔާރުގެ ސުވާލަށް ޖަވާބު ދެއްވަމުން ދައުވާކުރާ ފަރާތުގެ ޤާނޫނީ ޓީމުން ވިދާޅުވީ މިމައްސަލަ ހުށަހަޅާފައިވަނީ ޤާނޫނު އަސާސީން ބާރުލިބިގެން ކަމަށެވެ. އެގޮތުން އިންތިޚާބީ ކަމެއްގައި އެއްވެސް އިދާރާއަކުން ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކަމެއް ހިނގާފައިވާކަމަށް ގަބޫލް ކުރެވޭނަމަ އަދި އެފަދަ ކަމަކާމެދު ޝަކުވާއެއްވާނަމަ އެޝަކުވާއަކަށް ގޮތެއް ނިންމައިދިނުންއެދި ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ޤާނޫނުން ލިބިދޭ ކަމަށްވެސް ޤާނޫނީ ޓީމުން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މި މައްސަލައަކީ ދުސްތޫރީ އަދި އިންތިޚާބީ ޝަކުވާއަކަށް ވެސް ފިޓްވާ މައްސަލައެއް ކަމަށާއި އެހެންކަމުން ހައިކޯޓުގައި މި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި މަރަދޫފޭދޫ ދާއިރާއާ ގުޅޭގޮތުން އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ޤާނޫނ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދެވޭނެ ދުސްތޫރީ މައްސަލައެއް ކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.

މި މައްސަލައިގެ ދައުވާ އަމާޒުވާ އިލެކްޝަން ކޮމިޝަނުގެ ޤާނޫނީ ވަކީލް ވިދާޅުވީ، މި މައްސަލައިގައި އެ ކޮމިޝަނަށް ފާހަގަކުރެވޭ އިޖުރާއީ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެގޮތުން މިމައްސަލަ ހުށަހަޅުއްވާފައިވަނީ މިފަދަ މައްސަލަތައް ހުށަހަޅަންޖެހޭ ފޯމުގައިނޫން ކަމަށާ އޭގެއިތުރުން މިފަދަ މައްސަލަތައް ހުށަހެޅުމުގައި ޤާނޫނާގައި ބަޔާންކުރާ ބައެއް އިޖުރާތްތައްވެސް މި މައްސަލަ ހުށަހެޅުމުގައި ފުރިހަމަ ކޮށްފައިނުވާކަން ޤާނޫނީ ޓީމުން ފާހަގަ ކުރެއްވިއެވެ.

އީސީގެ ޤާނޫނީ ވަކީލް ވިދާޅުވީ އިންތިޚާބީ ދާއިރާތަކުގެ ވަގުތީ ރިޕޯޓް ގެޒެޓްކުރާ ތާރީހުން ފެށިގެން ޝަކުވާ ހުށަހެޅުމަށް 21 ދުވަހުގެ ފުރުޞަތެއްދޭ ކަމަށާއި އެ މުއްދަތުގައި ޝަކުވާ ހުށަހަޅައިފިނަމަ އެ މައްސަލައެއްގައި 15 ދުވަސް ތެރޭގައި އެކޮމިޝަނުން ގޮތެއް ނިންމަން ޖެހޭ ކަމަށެވެ. އަދި އެކޮމިޝަނުން ނިންމާ ގޮތަކާމެދު ހިތްހަމަ ނުޖެހޭނަމަ އެމައްސަލައެއް ހައިކޯޓަށް ހުށަހެޅިދާނެކަމަށެވެ. އެހެން ނަމަވެސް މިމައްސަލަ ހުށަހަޅުއްވާފައިވަނީ އެފަދަ އިޖުރާޢަތްތައް ފުރިހަމަކޮށްގެން ނޫންކަން އޭނާވާނީ ފާހަގަ ކުރައްވާފައެވެ.

އީސީގެ ޤާނޫނީ ވަކީލުގެ ވާހަކަފުޅަށް ރައްދުދެއްވަމުން ދަޢުވާކުރާ ފަރާތުން ވިދާޅުވީ މަރަދޫފޭދޫ ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ނޫސް ބަޔާނެއް ނެރެފައިވާކަން އެނގެން އޮތް ކަމަށާއި އިންތިހާބީ ދާއިރާތަކުގެ ވަގުތީ ރިޕޯޓް އާންމު ކުރުމަށްފަހު އިލެކްޝަން ކޮމިޝަނުން އެ ދާއިރާއަށް ވަޑައިގެން، ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައެޅުމާއި ގުޅޭ ގޮތުން މަޝްވަރާކޮށް، ރައްޔިތުންނަށް އެކަމުގައި ބޮޑު އުއްމީދެއް ދިން ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ އާއި ރެކޯޑިންތައްވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އައްޑޫގެ ބައްދަލުވުންތަކަށްފަހު މެންބަރުން މާލެ ވަޑައިގެން އެއްވެސް ސަބަބަކާ ނުލައި އައްޑޫ ދާއިރާތަކަށް ބަދަލު ނުގެންނަން ނިންމެވިކަމަށެވެ. އެއާއެކު އީސީގެ އިސް ފަރާތާއި ބައްދަލު ކުރެއްވުމުން މަރަދޫފޭދޫ ވަކި ދާއިރާއެއްގެ ގޮތުގައި އީސީއަށް ކަނޑައަޅައި ނުދެވޭނެކަމަށް އެފަރާތުން ބުނި ކަމަށާ މިމައްސަލަ ހައިކޯޓަށް ހުށަހެޅުމަށް އެފަރާތުން އެދިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަދި ކޯޓުން ނިންމައިފިނަމަ ވަކި ގޮނޑިއެއް ހަމަޖައްސައިދޭނެކަމަށް އޭނާ ވިދާޅުވެފައިވާ ކަމަށާއި އެއާއެކު މި މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ބުނުމުން އީސީގެ ނިޔަތާމެދު އޭނާވަނީ ސުވާލު އުފައްދަވާފައެވެ. އަދި އެއީ އިންސާފު ޤާއިމުކުރުމަށް އެޅޭ ހުރަހެއް ކަމަށް ވިދާޅުވިއެވެ.

ޤާނޫނުގައި ބަޔާންކުރާ އިޖުރާތްތައް ފުރިހަމަ ކުރުމަކީ އިންސާފު ޤާއިމު ކުރުމަށް އެޅޭ ހުރަހެއް ނޫން ކަމަށާއި އެ އިޖުރާތްތައް ފުރިހަމަ ނުކޮށް ކޯޓަށް މައްސަލަ ހުށަނޭޅޭނެ ކަމަށް ވިދާޅުވެ އިޖުރާއަތްތައް ފުރިހަމަ ކޮށްފައިވާނަމަ އެކަމުގެ ލިޔުންތައް ހުށަހެޅުމަށް އީސީގެ ވަކީލް އެދިވަޑައިގެންނެވުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ އެކަމަށް ފުރުސަތު ދިނުމަށް ނިންމާ މިއަދުގެ އަޑުއެހުން ނިންމާލާފައެވެ. އަދި އަންނަ ހަފުތާގެ ތެރޭގައި މި މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ރިޔާސަތުގައި އިންނެވި ފަނޑިޔާރު ވިދާޅުވިއެވެ.

އައްޑޫއަށް ގޮނޑި އިތުރުކޮށްދިނުމަށް އެދި މައްސަލަ ހުށަހެޅުއްވި ފަރާތުން ވިދާޅުވީ މަރަދޫ ފޭދޫއަކީ މީދޫ ދާއިރާގެ ބައެއްގެ ގޮތުގައި ހިމަނާފައި އޮތުމުން އެރަށަށް ލިބެންޖެހޭ ބައެއް ހައްގުތައް ގެއްލޭ ކަމަށެވެ. އެހެން ކަމުން ކޯޓުން އެކަމަށް ގޮތެއް ކަނޑައަޅަންދެން ނުވަތަ ވަކި ޙުކުމެއް އިއްވަންދެން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާގުޅޭ ކަންކަމުގައި އައްޑޫ ސިޓީގެ ކަންކަން މަޑުޖައްސާލުމަށް އަންގާފަދަ ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އެފަރާތުން ވަނީ އެދިފައެވެ.