ޚަބަރު

ލަންކާ އެމްބަސީން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދޭނަން - އައު ސަފީރު


ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދިވެހިންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ސްރީލަންކާ ސަފީރުކަމަށް އަލަށް އައްޔަންކުރެއްވި ޢުމަރު ޢަބްދުލްރައްޒާޤު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢުމަރު ޢަބްދުލްރައްޒާޤު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ ރާއްޖެއާއި ސްރީލަންކާއާއި ދެމެދުގައިވާ ގުޅުން އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި އިތުރަށް ބަދަހިކުރުމަށް އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ދެއްވާނެކަމަށެވެ. އަދި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯއްދަވައި ދެއްވުމަށާއި، ޚާއްޞަކޮށް ވިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށާއި މީގެއިތުރުންވެސް ދިވެހީން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ރާއްޖެއާއި ސްރީލަންކާއާއި ދެމެދުއޮތް ސިޔާސީ ގުޅުން ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެކަމަށާއި ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމުގައި ސަފީރު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޢުމަރު ޢަބްދުލްރައްޒާޤު ލަންކާގައި ހުންނަ އައު ސަފީރަކަށް އައްޔާންކުރެއްވުމާއި ގުޅިގެން އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ސްރީލަންކާއާއި ރާއްޖެއާއި ދެމެދު އޮތް ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި އެގުޅުން ޢުމަރު ޢަބްދުލްރައްޒާޤުގެ އެހީތެރިކަމާއެކު އިތުރަށް ވަރުގަދަވެގެން ދާނެކަމަށް އުންމީދުފުޅުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

މިއަދުގެ ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ސްރީލަންކާއަށް ކަނޑައެޅުއްވި އާ ސަފީރު ވަނީ ދެޤައުމު ގުޅިގެން މަސައްކަތްކުރެވިދާނެ އިތުރު ދާއިރާތަކާއި ބެހޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ. ޚާއްޞަގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއިންނާއި ވިޔަފާރީގެ ދާއިރާއިން ދެޤައުމަށް ފައިދާވާނެ ގޮތްތަކާމެދު މަޝްވަރާކުރެއްވިއެވެ.