ޚަބަރު

ޕީޕީއެމްގެ ކޮންގްރެސް މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި


ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމުން ޚާއްޞަގޮތުން ބޭއްވި ޤައުމީ ޖަލްސާގެ ނިންމުންތައް އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލައިގާ ހައިކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް މަރުހަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފިއެވެ.

މިމައްސަލައާއި ގުޅިގެން ހައިކޯޓުން ވަނީ ޕީޕީއެމްގެ ކޮންގެރެސް ޞައްހަ ކަމަށް ކަނޑައަޅާ ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުންތައް ބަލައިގަތުމަށް އަމުރުކޮށްފައެވެ. އެއާއެކު އީސީން ވަނީ ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފް ކޮށްފައެވެ.

ޕީޕީއެމްގެ ކޮންގެރެސްގެ މައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ އިސްތިއުނާފް އަޑު އެހުންތައް މިއަދު ވަނީ ނިންމާލާފައެވެ. އެގޮތުން އަޑުއެހުންތައް ނިންމާލަމުން ސުޕްރީމް ކޯޓުން ވަނީ އިތުރުކަމެއް ސާފުކުރަން ނުޖެހޭނަމަ މިމައްސަލައިގާ ދެން އޮންނާނީ ހުކުމް ކުރުމުގެ މަރުހަލާ ކަމަށް ވިދާޅުވެފައެވެ.

ޕީޕީއެމުން ޚާއްޞަ ގޮތުން ބޭއްވި ޤައުމީ ޖަލްސާގެ ނިންމުންތައް އެންޑޯޒު ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ޕީޕީއެމްގެ ކޮންގްރެސް ކުރިއަށް ގެންގޮސްފައި ވަނީ އެފަދަ ކޮންގްރެސް އެއް ބޭއްވުމުގައި ފުރިހަމަ ކުރަންޖެހޭ ބައެއް އިޖުރާއަތްތައް ފުރިހަމަ ނުވާ ކަމަށް ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބުގެ ނަތިޖާއަށްފަހު މިދިޔަ ސެޕްޓެމްބަރު މަހުގެ 28ވަނަ ދުވަހު ޕީޕީއެމުން ވަނީ ކުއްލިގޮތަކަށް ކޮންގްރެސްއެއް ބޭއްވުމަށްފަހު އެޕާޓީގެ ރައީސްކަމަށް ކުރީގެ ރައީސް ޔާމީން އިންތިޚާބު ކުރައްވާފައެވެ. އަދި ނާއިބް ލީޑަރުންނާއި ޕާޓީގެ ކައުންސިލަށް ވެސް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.

ޕީޕީއެމްގެ މިލްކްވެރި ފަރާތުގެ މައްސަލަ ވަކިގޮތަކަށް ނުނިމި ކޯޓްގައި ގިނަ ދުވަސްތަކެއްވާތީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.