މެންޗެސްޓަރ ޔުނައިޓެޑްގެ ޓްރާންސްފަރ ޕޮލިސީތަކަށް ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ފާޑުކިޔައިފި އެވެ.
މޮރީނިއޯ ޔުނައިޓެޑްގެ ކޯޗުކަމުން މިދިޔަ ޑިސެމްބަރު މަހު ވަކިކުރީ އޭނާއަށް ރަނގަޅު ނަތީޖާތަކެއް ނުނެރެވޭކަމަށް ބުނެއެވެ.
ޔުނައިޓެޑުގައި ކާމިޔާބު ނުލިބުމާއި ގުޅޭގޮތުން މޮރީނިއޯ ބުނީ ޔުނައިޓެޑުގައި އޭނާ ބޭނުންވާ ކަހަލަ ޓީމެއް ބިނާކުރަން ކުލަބުން އެއްބާރުލުން ނުލިބޭކަމަށާއި، ޓްރާންސްފަރގެ ކަންކަމުގައި އެހީތެރިކަން ނުލިބޭކަން އޭނާ ފާހަގަކުރި އެވެ.
މޮރީނިއޯ ބުނީ ޕްރިމިއަރ ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓާރ ސިޓީއާއި ލިވަޕޫލަށް ބަލާލުމުން އެ ތަފާތު ފެންނަކަމަށެވެ. ކޯޗަށް އިތުބާރުކޮށް އޭނާ ބޭނުންވާ ކުޅުންތެރިން ކުލަބަށް ގެނެވިއްޖެނަމަ ތަފާތު ދެއްކޭނެކަން ލިވަޕޫލާއި ސިޓީން ދައްކައިފިކަމަށް މޮރީނިއޯ ބުންޏެވެ. އޭނާ ބުނީ ކުޅުންތެރިން ވިއްކާލުމާއި، ގަތުން ކޯޗަށް ދޫކޮށްލެވިއްޖެނަމަ ނަތީޖާ ގިނަ ދުވަސްތަކެއްނުވެ ފެންނާނެކަމަށެވެ.
މިގޮތުން ސިޓީން މިދިޔަ ސީޒަންގައި ލީގު ނެގިއިރު ކުޅުންތެރިން ހޯދުމަށް އެތައް މިލިއަން ހޭދަކުރުމަކީ ކުލަބުގެ އަމާޒަށް ވާސިލްވުމަށް އެޅޭ ބޮޑު ބިންގަލެއްކަމަށް އޭނާ ބުންޏެވެ. ހަމައެގޮތަށް ލިވަޕޫލް މިދިޔަ ސީޒަންގައި ޗެމްޕިއަންސް ލީގު ފައިނަލުން ބަލިވުމާއިއެކު އެކުލަބަށް މަދުވަނީ ކީޕަރެއްކަން ފާހަގަކޮށް ބޮޑު އަގުގައި ކީޕަރެއް ގެނައުމުން އޭގެ ފައިދާ މިސީޒަންގައި ފެންނަކަމަށްވެސް މޮރީނިއޯ ބުންޏެވެ.