ޖަރުމަނުގެ ބުންޑަސް ލީގުގައި ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ބޮރޫޝިއާ ޑޯޓްމަންޑް ތާވަލްގެ އެއްވަނަގައި ހަ ޕޮއިންޓްގެ ލީޑެއް އަނެއްކާވެސް ނަގައިފި އެވެ.
ހަތަރު ވަނައިގައި އޮތް ލީޕްޒިގާއި ބައްދަލުކުރި މި މެޗު ޑޯޓްމަންޑް އިން ކާމިޔާބުކުރީ އެކެއް ސުމެއްގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޑޯޓްމަންޑުން ޖެހި ހަމައެކަނި ލަނޑު މެޗުގެ ނަވާރަ މިނެޓުގައި ލިބުނު ކޯނަރަކުން އެޓީމަށް ޖަހައިދިނީ ވިޓްސެލް އެވެ. ޑޯޓްމަންޑުން ލަނޑު ޖަހާ ލީޑު ނެގިފަހުން ލީޕްޒިގް އިން ވަނީ އެޓީމުގެ ކުޅުނު ރަނގަޅުކޮށް ޑޯޓްމަންޑްގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ. ނަމަވެސް ޑޯޓްމަންޑްގެ ކީޕަރ ވަނީ މި ހުރިހާ ހަމަލާތަކެއްވެސް ދިފާއުކޮށްފަ އެވެ.
ސާޅީސް ދެހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ދެވަނަ ހާފުގައި ޑޯޓްމަންޑަށް މެޗުގެ ނަތީޖާގެ ފަރަގު ބޮޑު ކުރުމަށް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު ނަމަވެސް، ގޯލް ކާމިޔާބުކުރެވޭ ގޮތެއްނުވި އެވެ.
މި ނަތީޖާއާއެކު ބޮރޫޝިޔާ ޑޯޓްމަންޑް ބުންޑަސް ލީގު ތާވަލްގެ އެއްވަނަގައި އޮތީ މިހާތަނަށް ކުޅުނު އަށާރަ މެޗުން ހޯދި ސަޅީސް ފަސް ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތީ ޗެމްޕިއަންސް ބަޔާން މިޔުނިކް އެވެ.