އަނިޔާގެ މައްސަލަތަކާއިއެކު ކްރިސްޓަލް ޕެލެސް ބަލިކުރަން ފަސޭހަ ނުވާނެ ކަމަށް ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނެފިއެވެ.
ކްލޮޕް މިހެން ބުނީ ޕްރިމިއަރ ލީގްގައި ކްރިސްޓަލް ޕެލްސްއާ ވާދަކުރާ މެޗްގެ ކުރިންނެވެ. އެންމެ ފަހުން ޕްރިމިއަރ ލީގް މެޗެއްގައި ލިވަޕޫލްގެ ދަނޑުގައި އެޓީމް ބަލި ކުރި ޓީމަކީވެސް ކްރިސްޓަލް ޕެލެސްއެވެ. އެއީ 2017 ވަނަ އަހަރުއެވެ.
މިރޭގެ މެޗަށް ނުކުންނައިރު އަނިޔާގައި ތިބި ކުޅުންތެރިންގެ ލިސްޓަށް ލިވަޕޫލްގެ ފަހަތަށް ކުޅޭ ޓްރެންޓް އެލެކްސެންޑާރ އާރނޯލްޑް ވަނީ އިތުރުވެފައެވެ. އޭނާގެ އިތުރުން އަނިޔާގެ ލިސްޓްގައި ޖޯ ގޮމޭޒް އަދި ޑެއާން ލޮވްރެންވެސް ހިމެނެއެވެ.
ކްލޮޕް ބުނީ މެޗް ފަސޭހަ ވާނެ ކަމަށް އުންމީދު ނުކުރާ ކަމަށާއި ނަމަވެސް ޓީމް އޮތީ ތައްޔާރަށް ކަމަށެވެ. އަދި މި ފަހުން ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗްތަކުގެ ނަތީޖާ ރަނގަޅުވުމަކީ ލިބޭ ހިތްހަމަޖެހުމެއްކަމަށެވެ. ނަމަވެސް ކްރިސްޓަލް ޕެލެސްއާއެކު ލިވަޕޫލް ދަނޑުގައި ކުޅޭ މެޗްގެ ނަތީޖާއަށް އޭނާގެ ހާއްސަ ޝައުގުވެރިކަމެއް އެބަހުރި ކަމަށްވެސް ކްލޮޕް ބުންޏެވެ.
2017 ވަނަ އަހަރު ލިވަޕޫލް ދަނޑުގައި ކްރިސްޓަލް ޕެލެސް އަތުން ބަލިވިފަހުން މި ދެޓީމް ވާދަކުރި ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައިވަނީ ލިވަޕޫލުންނެވެ.