ޚަބަރު

ރަތްވިލާ މަގާއި ހީނާ ގޯޅިއަށް ދުއްވާ އެއްޗެހި ވަނުން މަނާކުރަނީ


އަންނަ އާދިއްތަ ދުވަހުން ފެށިގެން، މާލޭގެ ރަތްވިލާ މަގާއި ހީނާ ގޯޅިއަކީ، ދުއްވާ އެއްޗެއްސަށް ނުވަދެވޭ މަގުތަކެއްގެ ގޮތުގައި ހައުސިންގ މިނިސްޓްރީން ކަނޑައަޅުއްވައިފިއެވެ.މާލޭގެ ހަނި ގޯޅިތަކާއި މަގުތަކަކީ، ހަމައެކަނި ހިނގާފައި އުޅޭ މަގުތަކެއްގެ ގޮތުގައި ހެދުމަށް ކުރިއަށްގެންދާ ޕައިލެޓް ޕްރޮޖެކްޓް އެއްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ، ޖޫން މަހުގެ ތެރޭގައެވެ.މާލޭގެ ހަތަރު ސަރަހައްދެއްގައި ހިމެނޭ ހަނި މަގުތަކާ ގޯޅި ތަކަކީ ހަމައެކަނި ފައިމަގުގައި އުޅޭ ސަރަހައްދުތަކަށް ހެދުމުގެ ޕައިލެޓް ޕްރޮޖެކް އަންނަ އާދިއްތަ ދުވަހު ފަށާއިރު، އެ މަގުތަކާއި ގޯޅިތަކުގައި އުޅޭ ރައްޔިތުންގެ ވެހިކަލްތައް ޕާކް ކުރުމަށް ޚާއްސަކުރާ "ޕާރމިޓް ހޯލްޑަރސް" ޕާކިން ޒޯންތައްވެސް މިހާރު ވަނީ ކަނޑައަޅާފައެވެ.މި ޕްރޮޖެކްޓާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހައުސިން މިނިސްޓްރީގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، އަންނަ އާދިއްތަ ދުވަހު ބަންދުކުރާ މަގުގައި ދިރިއުޅޭ މީހުންގެ ވެހިކަލްތައް ޕާކް ކުރުމަށް ޚާއްސަ ޕާރކިންގ ޒޯން، ހެދުމަށް ހަމަޖެހިފައިވަނީ، ޖަނަވަރީ މަގާއި، ބޮޑުފުން ގަނޑު މަގުގައި ކަމަށެވެ.ޚާއްސަ ޕާކިން ޒޯންތަކަކީ، މިހާރު ހުރި ޕާކިން ޒޯންތަކުގެ އިތުރަށް ހަދާ ޒޯންތަކެއް ކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، ފައިމަގުގައި އުޅޭގޮތަށް ކަނޑައަޅާ މަގުތަކުގައި ހުންނަ ގުދަންތަކާއި ފިހާރަތަކަށް މުދާ ގެންދިޔުމަށްވެސް އެ މަގުތަކަށް ވެހިކަލަށް ނުވަދެވޭނެ ކަމަށެވެ.ފައިމަގުގައި އުޅޭ މަގުތަކުގައި ބޯޑު ބެހެއްޓުމުގެ އިތުރުންވެސް ދުއްވާ އެއްޗެއްސަށް ނުވަދެވޭ ގޮތައް މަގު ބަންދުކުރާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ، ޚާއްސަ ޕާކިން ޒޯންގައި ޕާކު ކުރުމަށް، ބަންދުކުރާ މަގުތަކުގައި އުޅޭ މީހުންނަށް ޚާއްސަ ސްޓިކާރ އެއް ދޫކުރާނެ ކަމަށެވެ.ޕްރޮޖެކްޓް ތަންފީޒު ކުރަން ފެށުމާއެކު ޓްރާންސްޕޯޓް އޮތޯރިޓީން ސްޓްކަރ ލިބޭނެ ކަމަށާއި، މިއީ ހިލޭ ދޫކުރާ ސްޓިކަރ އެއް ނޫންކަންވެސް ނާފިޒް ފާހަގަ ކުރެއްވިއެވެ.އާންމު ދިރިއުޅުމަށް ހެޔޮ ބަދަލެއްގެނެސް ހަނި ގޯޅިތަކާއި މަގުތަކުގައި ދިރިއުޅޭ މީހުންނަށް އަމާން މާހައުލެއް ގާއިމް ކޮށްދިނުމަށް ހައުސިން މިނިސްޓްރީ އާއި، ފުލުހުންނާއި، ޓްރާންސް ޕޯޓް އޮތޯރިޓީ ގުޅިގެން ގެންދާ ޕްރޮޖެކްޓެކެވެ.