ރާއްޖެއިން ތެޔޮ ފެނިފައިވާކަމަށްބުނެ ދައްކަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަމަށާއި، އެއީ ރާއްޖޭގައި ކުރެވޭނެ ކަމެއް ނޫންކަމަށް ފިޝަރިޒް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވީ، އަށްޑިހައިގެ އަހަރުތަކުގައުވެސް ރާއްޖެއިން ތެޔޮ ހޯދުމުގެ މަސައްކަތްކޮށްފައިވާކަމަށެވެ. ނަމަވެސް އެއިރުވެސް ރާއްޖެއިން ތެޔޮ ފެނިފައިނުވާކަމަށާއި، ނިމިދޔަ ސަރުކާރުގައިވެސް އަލުން އެފަދަ މަސައްކަތްތަކެއް ކުރިނަމަވެސް ރާއްޖެއިން ތެޔޮ ފެނިފައިނުވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކަނޑުގެ އަޑިން ތެޔޮހުރިތޯ ބެލުންފަދަ ތިމާވެއްޓާ ބީރައްޓެހި ކަންކަން މި ސަރުކާރުން ރާއްޖޭގައި ނުކުރާނެކަމަށެވެ.
ރާއްޖެއިން ތެޔޮ ނެގުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ފިޝަރީޒް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި އަދި މިހާރުގެ ފިޝަރިޒް މިނިސްޓަރ ވިދާޅުވެފައިވާއިރު، ކުރީގެ ސަރުކާރުން ވަނީ ރާއްޖެއިން ތެޔޮ ނަގާނެކަމަށް ވިދަޅުވެ ސާރވޭތަކެއްވެސް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކޮށްފައެވެ.
ރާއްޖޭގައި ތެޔޮ ހުރިކަން ޔަޤީންވެފައިވާކަމަށާއި، ނަމަވެސް ރާއްޖޭގެ ސަރަޙައްދަކުން ތެޔޮ ނެގުމުގެ މަސައްކަތް މަޑުޖައްސަވާލެއްވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރިމިންވަރަށް ބެލުމަށްފަހު އެކަމަށް އެންމެ ރަނގަޅު ކޮންޓްރެކްޓަރަކު ކުރިމަތިލާނެކަމުގެ ޔަޤީންކަން ނެތުމުންކަމުގައި ކުރީ ސަރުކާރުގެ ފިޝަރީޒް މނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވެފައިވެއެވެ.
ޑރ.ޝައިނީގެ އެވާހަކަފުޅަށް ރައްދުދެއްވައި މިނިސްޓަރ ޒަހާ ވިދާޅުވީ، ތެޔޮ ނެގުމަކީ ރާއްޖޭގައި ދުވަހަކުވެސް ކުރެވޭނެކަމެއް ނޫންކަމަށެވެ.
"އަޅުގަނޑު ޤަބޫލުކުރަނީ އެއީ ރާއްޖޭގަ ކުރާނެކަމެއްވެސް ނޫނޭ ދުވަހަކުވެސް ކުރެވިދާނެކަމެއް ނޫނޭ. ރާއްޖެ މީ ޖަޒީރާ ޤައުމެއް. ބޮޑު ފަރުގެ މާހައުލެއް. ދުނިޔޭގެ 7 ވަނަ ފަރުގެ މާހައުލު. އަޅުގަނޑުމެންގެ ފަރަށް ގެއްލުންވާކަން އެނގިތިބެ އެފަދ ކަމެއް ނުކުރާނަން. މި ސަރުކާރަކުން ތިމާވެށްޓަށް ގެއްލުންވާކަމެއްނުކުރާނެ. އަޅުގަނޑުމެންނަކީ ތިމާވެށްޓާ ގުޅުންހުރި ތިމާވެށްޓަށް (ގެއްލުންހުރި ކަންކަމާ ދެކޮޅަށް) ވަކާލަތުކުރާ ބައެއް" މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ވަނީ ރާއްޖޭގައި ތެޔޮ ހުރިކަމުގެ ނިޝާންތައް ފެނިފައިވާކަމަށާއި، ތެޔޮ ނެގުމުގެ މަޝްރޫޢު ހަވާލުކުރުމަށް ކޮންޓްރެކްޓަރެއް ހޯއްދަވަމުން އަންނަކަމަށްވެސް ވިދާޅުވެފައެވެ.