ޚަބަރު

ވިއްސާރައިގައި ގެއްލުންވި ހުރިހާ ގެއަކަށް އެހީދީފި


މިދިޔަ ޑިސެމްބަރުމަހު މާލެއަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ހުރިހާ ގެއަކަށް އެހީދީ ނިމިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީިން ބުނެފިއެވެ.

މިއަދު އެންޑީއެމްއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެއޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ސޮފީނާޒް ޙަސަން ވިދާޅުވީ މާލެއަށް ކުރި ވިއްސާރައިގައި ގެއްލުންވި 126 ގެއަށް، ލިބުނު ގެއްލުމުގެ 94 އިންސައްތައަށްވާ ފައިސާގެ އެހީ ދީ ނިމިފައިވާކަމަށެވެ. ކާރިސާތަކުގައި ލިބޭ ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި ޑިޒާސްޓަރ މެނޭޖްމަންޓުން ދެމުންދަނީ ރަމްޒީ އެހީއެކެވެ. އެންޑީއެމްއޭގެ ޑިރެކްޓަރ ޖެނެރަލް ސޮފީނާޒް ޙަސަން ވިދާޅުވީ އެންޑީއެމްއޭއިން ކާރިސާތަކުގައި ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީދިނުމުގައި އާންމުކޮށް ޢަމަލުކުރާ ގޮތަކީ ލިބުނު ގެއްލުމުގެ 20 އިންސައްތަ ދިނުންކަމަށާއި، ނަމަވެސް މިފަހަރު 94 އިންސައްތަ އެހީ ދީފައިވަނީ މި ކާރިސާއާއި ގުޅިގެން ލިބުނު އެހީތައް ބޮޑުވުމުންކަމަށެވެ.

ސޮފީނާޒް ވިދާޅުވީ ގެތަކަށް ފޯރުކޮށްދީފައިވާ ފައިސާއަކީ މުޅިންވެސް ކުންފުނިތަކާއި ޖަމިއްޔާ ޖަމާތްތަކުން އެހީގެ ގޮތުގައި ދީފައިވާ ފަސާކަމަށެވެ.

ކާރިސާރަކުގައި ލިބޭ ގެއްލުމުން އަރައިގަތުމަށް އެހީ ފޯރުކޮށްދެނީ އެންޑީއެމްއޭއިން ކަނޑައަޅާފައިވާ ޚާއްޞަ މިންގަނޑެއްގެ ދަށުންނެވެ. އެގޮތުން މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމާ ގުޅިގެން އެހީގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ލިބިފައިވާއިރު، ގެއްލުން ލިބިނު ގޭގެއަށް އެހީދިނުމަށްފަހު ބާކީވި 1200 ރުފިޔާ، މިކަމަށް ޚާއްޞަ ފަންޑެއް ޤާއިމުކޮށް އެ ފަންޑަށް ޖަމާކޮށްފައިވާކަމަށް ސޮފީނާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޑިޒާސްޓަރ ކަންކަމަށް އެހީވުމަށް އަލަށް ފަންޑެއް މިހެދީ. އެހީދީ ބާކީވި 1200 ވަނީ ފަންޑަށްލާފަ. އަދި މިހާރު އޮތޯރިޓީއަކަށް ބަދަލުވުމުން ލިބިދޭ ބާރުތަކުގެތެރެއިން މިކަމަށް ޚާއްޞަ ބަޖެޓެއް ހޯދުމަށްވެސް މަޖިލީހަށް ހުށައެޅޭނެ" އޭނާ ވިދާޅުވިއެވެ.

ސޮފީނާޒް ވިޅާޅުވީ ޑިޒާސްޓަރ މެނޭޖްމަންޓް ފަންޑަށް އެހީވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.

މިދިޔަ ޑިސެމްބަރ މަހުގެ 5 ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި މާލޭގެ މަގުތަކުގައި އާދަޔާ ޚިލާފަށް ބޮޑަށް ފެންބޮޑުވެ ގޭގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. އަދި މަގުމަތީގައި ހުރި އެއްގަމު އުޅަނދުތަކަށްވެސް ގެއްލުން ވެފައިވެއެވެ.