ޚަބަރު

އައްޑޫސިޓީއަށް ޤާނޫނާ ޚިލާފަށް ދާއިރާއެއް އިތުރެއް ނުކުރެވޭނެ - ޝަރީފް


އައްޑޫސިޓީގެ އިންތިޚާބީ ދާއިރާތައް އިތުރުކުރުމަށް ހައިކޯޓަށް މައްސަލައެއް ހުށައަޅަފައި އޮތްނަމަވެސް އިންތިޚާބުގެކަންކަން ކުރިން ތާވަލުކޮށްފައި އޮތްގޮތަށް ކުރިއަށްގެންދަވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ހައިކޯޓަށް މައްސަލައެއް ހުށަހަޅާފައިވާކަމަށް ރަސްމީކޮށް އެކޮމިޝަނަށް އަންގާފައި ނުވާކަމަށެވެ.

ޝަރީފް ވިދާޅުވީ، އިންތިޚާބީ ދާއިރާތައް މިދިޔަ މަހުގެ 28ވަނަ ދުވަހު ފައިނަލްކޮށް ޢާންމުކޮށްފައިވާކަމަށާ، އެއަށް ބަދަލު އަންނަނާނީ ކޯޓެއްގެ ޙުކުމެއް ނުވަތަ އަމުރެއް އަތުވެއްޖެ ޙާލަތެއްގައިކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ނަމަވެސް އައްޑޫސިޓީގެ އިންތިޚާބީ ދާއިރާތައް އިތުރުކުރުމަށް ހައިކޯޓަށް ހުށަހަޅަފައިވާ މައްސަލައަކީ މިހާރު އޮތް ޤާނޫނާ ޚިލާފަށް ވަކި ދާއިރާއެއް ހެދުމަށް ހުށައަޅަފައިވާ މައްސަލައެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މިމައްސަލަ ކޯޓަށް ހުށައަޅާފައިވާ ފަރާތްތަކުން ބޭނުންވަނީ، މަރަދޫފޭދޫއާއި މީދޫ މިހާރު އެއްދާއިރާއެއްގައި އޮތްނަމަވެސް މަރަދޫފޭދޫއާއި މީދޫ ވަކިދާއިރާތަކަކަށް ހެދުމަށްކަމަށާއި، މަރަދޫފޭދޫ ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނީގޮތުންބަލާއިރު އާބާދީ ހަމަނުވާކަމަށް ޝަރީފް ވިދާޅުވިއެވެ. އެއީ އެއްވެސް ޤާނޫނީ ހުއްޖަތެއް އޮތްކަމެއް ނޫންކަމަށާ، އެއީ މިހާތަނަށް ކަނޑައަޅާފައިވާ އުސޫލާ ޚިލާފްކަމެއްކަމަށްވެސް ވިދާޅުވިއެވެ.

"އެބޭފުޅުން ބޭނުންވަނީ މަރަދޫ ފޭދޫ ވަކިދާއިރާއަކަށް އަދި މީދޫ ވަކި ދާއިރާއަކަށް ކަނޑައަޅަން. މަރަދޫއަކީ މިހާރުވެސް ދާއިރާއެއް. މީދޫވެސް ވަކިން ދާއިރާއެއްގެ ގޮތުގައި އެހެންބަޔަކާ ނުލާ ކަނޑައަޅަން ޤާނޫނޫގައި ބުނާވަރަށް އާބާދީ ހަމައެއެ ނުވޭ. ހަމައެގޮތަށް މަރަދޫފޭދޫވެސް ވަކިން ކަނޑައަޅަން އާބާދީ ހަމަނުވޭ. އެކަމަކު މަރަދޫފޭދޫ ދާއިރާއެއް ކަނޑައެޅިދާނެ ފޭދޫ ބައެއް ނަގައިގެން. އެއިރުންވެސް މީދޫއެއް ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑަނޭޅޭނެ. މީގަ ޤާނޫނީ ހުއްޖަތެއްނެތް. އަޅުގަނޑުމެން މިތިބީ ވަރަށް ކޮމްފޮޓެބަލްކޮށް."

ޝަރީފް ވިދާޅުވިއެވެ.

މަޝްހޫރު ޤާނޫނީ ވަކީލް ހުސްނުއްސުޢޫދާއި މަރިޔަމް ޝުނާނާ ވަނީ މަރަދޫފޭދޫ ވަކި ދާއިރާއެއް ގެގޮތުގައި ކަނޑައަޅައިދިނުމަށާއި، އެ މައްސަލަ ނިމެންދެން އައްޑޫގައި އިންތިޚާބު ބޭއްވުން މަޑުޖައްސާލުމަށްއެދި ހައިކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންނަ އިންތިޚާބުގައި ދާއިރާތައް ކަނޑައަޅަފައިވާގޮތަށް ބަލާއިރު، މާލެއަށް ދެ ދާއިރާ އިތުރުކުރުންފިޔަވައި އިތުރު ދާއިރާތަކެއް އެއްވެސް ސަރަހައްދަކަށް އިތުރުކޮށްފައެއްނުވެއެވެ.