މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) ގެ ހިޔާނާތާއި ގުޅިގެން ގެއްލުނު ފައިސާ ހޯދުމަށް ދައުލަތުން ކުރާ ދައުވާތަކުގެ ތެރެއިން މަދަނީ ގިނަ މައްސަލަތައް އިތުރަށް ދިރާސާކުރުމަށް އަނބުރާ ނެގުމަށް ބަނޑާރައި ނައިބުގެ އޮފީހުން ނިންމައިފިއެވެ.
އެޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލާގައި ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް އެކި ފަރާތްތަކާއި ދެކޮޅަށް 39 ދައުވާއެއް އުފުލާފައިވާކަމަށެވެ.
އެ މައްސަލަތަކުގައި މިހާތަނަށް ހުށައަޅާފައިވާ ހުރިހާ ލިޔެކިއުންތަކާއި، މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޔާޢަތްކުރުމަށްފަހު، އެ މައްސަލަތަކުގެ ތެރެއިން 35 މައްސަލަ މުރާޖަޢާކޮށް އިތުރަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަކުރުމަށްޓަކައި އަނބުރާ ގެނައުމަށް ނިންމައި އެ މައްސަލަތައް އަނބުރާ ފޮނުވުމަށް ސިވިލް ކޯޓުގައި އެދިފައިވާކަމަށް އެޖީ އޮފީހުގެ ނޫސްބަޔާނުގައިވެއެވެ.
އަދި އެ މައްސަލަ މުރާޖަޢާކުރުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮރަޕްޝަން ބަލާ ކޮމިޝަނާއި، ފުލުހުންނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އެހީއާއެކު، އެ މައްސަލަތައް ފުރިހަމަކޮށް، ވިހާވެސް އަވަހަށް އަލުން ސިވިލް ކޯޓަށް ހުށައަޅާ، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށް ގެންދާނެކަމަށްވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުނެއެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓުއަރިޒަމްގެ ބޭނުމަށްކަމަށް ބުނެ ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެންޖެހޭ 1.2 ބިލިއަން ރުފިޔާއަސް ވަނީ ހިޔާނާތްތެރިވެފައެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ދައުލަތުން ވަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައެވެ.
ފަޅެއް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފަސްމިލިއަން ޑޮލަށް ހިޔާނަތްވި މައްސަލާގައި އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ މައްޗަށްވާނީ އަށް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.