ޚަބަރު

ދަރިވަރުންނަކީ އިސްލާމީ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވެފައިވާ ބަޔަކަށް ހެދުމަށް ރައީސް އިލްތިމާސްކުރައްވައިފި


ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން ނިކުންނަ ކޮންމެ ދަރިވަރަކީވެސް، އިސްލާމީ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވެފައިވާ، ޚުލްޤުހެޔޮ ދަރިވަރަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ރާއްޖޭގައި މިހާތަނަށް ބިނާކުރި އެންމެ ބޮޑު ސްކޫލް "ހުރަވީ ސްކޫލް" ހުޅުއްވާދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ހުރަވީ ސްކޫލް ހުޅުއްވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އަމާޒަކީ، ރަނގަޅު ތަޢުލީމާއި ތަމްރީން ދީގެން، އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުންކަމަށެވެ. އެކަން ޙާޞިލު ކުރެވޭނީ، ތަޢުލީމީ ނިޒާމުގެ ތެރެއިން ނުކުންނަ ކޮންމެ ދަރިވަރަކީވެސް، ޞައްޙަ އިސްލާމީ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވެފައިވާ، ޚުލްޤުހެޔޮ ދަރިވަރުންތަކަކަށް ހެދިގެންކަމަށާއި، ކާމިޔާބުކަމާއެކު ދިރިއުޅުމަށް ބޭނުންވާ، ފުރިހަމަ ޞިއްޙަތާއި ހުނަރާއި ޢިލްމު ލިބިފައި ހުރި ކުއްޖަކަށް ހެދިގެންކަމަށް ރައީސް ވިދާޅުވިއެވެ. ހުރަވީ ސްކޫލަކީ، ރާއްޖޭގެ އެހެން ސްކޫލްތަކާ ތަފާތު ސްކޫލެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ހުރަވީ ސްކޫލް ފަރުމާކޮށްފައިވަނީ، ވަށައިޖެހޭ ތައުލީމީ ނިޒާމަކަށް ވަރަށް އެކަށޭނަ ގޮތަކަށްކަމަށެވެ.

ހުރަވީ ސްކޫލްގައި ކިޔަވައިދޭނީ، ހުސް ދިވެހި ޓީޗަރުންކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ބޭނުންވާ ޖަޒީރާ ސްކޫލްގެ ނިޒާމަށް ބަދަލުވުމަށްޓަކައި، ތަޢުލީމީ ދާއިރާގައި ބިދޭސީން މަދުކޮށް، ދިވެހިން އިތުރު ކުރުމަކީ، ސަރުކާރުގެ އަމާޒެއްކަމަށެވެ. އެގޮތުން ސަރުކާރު ސްކޫލްތަކުގައި މިދިޔަ އަހަރު ކިޔަވައިދިން ދިވެހި ޓީޗަރުންގެ ޢަދަދު އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު، ދެ އިންސައްތަ އިތުރުކަމަށާއި، ބިދޭސީ ޓީޗަރުންގެ އަދަދު 16 އިންސައްތަ ދަށްކުރައްވާފައިވާކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިއަހަރު 9800 އަށް ވުރެ ގިނަ ޓީޗަރުން ކިޔަވައިދޭއިރު، ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން، މިއަހަރު ދަސްވެނިވާ 600 އަށްވުރެ ގިނަ މުދައްރިސުންގެ ސަބަބުން، ތަޢުލީމީ ދާއިރާގައި ދިވެހި ޓީޗަރުން ގެ ޙިއްޞާ ބޮޑުވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ތަޢުލީމީ ދާއިރާގައި، ޒުވާނުން އިތުރުކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ލިބޭނެ، އިތުރު ބާރަކަށް ވެގެންދާނެކަމަށާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި، ކުރަން ޖެހިފައި އޮތް އެންމެ މުހިންމު މަސައްކަތަކީ، މީހުން ބިނާކުރުންކަމަށްވެސް ރައީސް ވިދާޅުވިއެވެ. ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރައްވާނެ އެންމެ މުހިންމު މަސައްކަތަކީ އިންސާނީ ވަސީލަތް ތަރައްޤީކުރުންކަމަށާއި، ތަޢުލީމީ ސިޔާސަތުތައް މުރާޖަޢާކޮށް، ދަރިވަރުންނަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަނީ ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް މި ސަރުކާރުން ކުރައްވާ މުހިންމު ބައެއް ކަންކަން ޙިއްސާކުރައްވާފައެވެ.

"
އަޅުގަނޑުމެންގެ ގާތުގައި ރައްޔިތުން ކުރި އެއްޝަކުވާއަކީ، މަތީ ތައުލީމަށް ކުރަންޖެހޭ ޚަރަދު ބޮޑުވެ، އެކަމަށް އުފުލަން ޖެހޭ ތަކުލީފްތައް ގިނަވުން. މިޝަކުވާތައް އަޑުއެހުމަށް ފަހު، މިސަރުކާރުން މަތީ ތަޢުލީމުގެ ސިޔާސަތު އެކުލަވައިލިން. އެއީ ރާއްޖޭގައި ބެޗްލާސް ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުން. އޭގެ އިތުރުން ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ، މަތީ ތައުލީމުގެ ލޯނުގެ އިންޓްރެސްޓް ތިނެއް އިންސައްތައަށް މިހާރު ވާނީ ކުޑަކޮށްފައި.
ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުގައި، ތަޢުލީމީ ދާއިރާއިން މިސަރުކާރުގެ ފުރަމަ 30 ދުވަހު ކުރުމަށް ކަނޑައެޅުއްވި ކަންކަމުގެތެރެއިން އެންމެ ބޮޑު ކާމިޔާބީއަކީ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަށް ކަނޑައެޅި ސިޔާސަތުކަމަށް ވިދާޅުވިއެވެ. ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަށް މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ކަންކަން ހާސިލްވުމުން ލިބޭނެ ފައިދާ ދަރިވަރުންނާއި ބެލެނިވެރިންނާ އެމަނިކުފާނު ހިއްސާކުރެއްވިއެވެ.

"ހެނދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ މުހިންމު ނާސްތާ. ހެނދުނު ސައި ނުބޮއެ، ހުސްބަނޑާ ސްކޫލަށް ދާކުދިން ގިނަކަން، ޓީޗަރުން އަޅުގަނޑުމެންނާ ޙިއްޞާ ކުރި. އެކަމުގެ ސަބަބުން ކުދިންގެ އުނގެނުމަށް ހުރަސްއަޅާ ކަމަށާއި، ހެދުނުގެ ނާސްތާއިން ސްކޫލް ފެށުމުން، ކުދީންގެ ސިކުނޑި އުނގެނުމަށް މާބޮޑަށް ތައްޔާރުވާނެކަމަށްވެސް އެކިއެކި ދާއިރާތަކުން ފާހަގަކުރި. އެހެންކަމުން މި ޕްރޮގްރާމް ފެށުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ކުދިންގެ އުނގެނުމަށާއި، ހެދިބޮޑުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހުރަވީ ސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. މިސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމާއި، ގިނަ ޢަދަދެއްގެ ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.