 
										 
										
			ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ފްރޮގްރާމް ފަށަފައިފިއެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ މިއަދު ހެނދުނު އަމީނިއްޔާ ސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ. 
ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ސްކޫލް ކުދިންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓް ރާއްޖޭގައި 25 ސްކޫލެއްގައި މިއަދު ވަނީ ފަށާފައެވެ. ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން ޔުނިސެފްގެ އެހީއާއެކު މިނިސްޓްރީން ވަނީ ނާސްތާއަށް 10 މެނޫއެއް ވެސް ތައްޔާރުކޮށްފަ އެވެ. އޭގެ ތެރޭގައި ރޮއްޓާއި ބިސްގަނޑާއި ކިރާއި މަސްހުންޏާއި ސޭންޑްވި ފަދަ ތަކެތި ހިމެނެއެވެ. ދަރިވަރުންނަށް މީގެތެރެއިން ތިން މޭނޫއެއް ކޮންމެ ދުވަަކުވެސް އޮންނާނެއެވެ. ނާސްތާ ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނުގެ ދަންފަޅީގައި ކިޔަވާ ދަރިވަރުންނަން އެކަންޏެވެ. 
މި ފްރޮޖެކްޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ މި ޕްރޮގްރާމަކީ މުޅިން އަލަށް ފަށާ ޕްރޮގްރާމަކަށްވުމުން ފުރަތަމަ ދުވަސްކޮޅު ކޮންމެވެސްވަރެއްގެ ދަތިތަކެއް ކުރިމަތިވެދާނެކަމަށާއި އެފަދަ ކަންކަމާ ކުރިމަތިލާނީ ކެރިގެންކަމަށެވެ. އަދި މި ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށް ބެލެނިވެރިންނާއި، ޓީޗަރުން އަދި ދަރިވަރުންގެ އެއްބާރުލުން ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ނާސްތާ ދިނުމުގެ ޕްރޮގްރާމްގެ ސަބަބުން ދަރިވަރުންގެ ހެދިބޮޑުވުމަށާއި، ތަޢުލީމަށް އެދެވޭ ރަނގަޅު ބަދަލެއް އައުމަށް މަގުފަހިވާނެކަމަށެވެ.
		
 
										 
										
			މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ސަރުކާރުން ފެށުމަކީ މުޅި ތަޢުލީމީ ދާއިރާއަށް އައި އިންޤިލާބީ ބަދަލެއްކަމަށެވެ. އަދި މިއީ ވަރަށް ކުރީއްސުރެ ތަޢުލީމީ ދާއިރާއަށް ތަޢާރަފުކުރަން ޖެހޭ ކަމެއް ގޮތުގައި އެދާއިރާގެ ގިނަ ބަޔަކު ޤަބޫލުކުރާކަމަށް އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވިއެވެ.
ދައުލަތުގެ ބަޖެޓުން 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ފެށި މި ޕްރޮގްރާމް ފުރަތަމަ ހިންގަން ފެށީ މާލޭގެ 3 ސްކޫލަކާއި ވިލިމާލޭގެ 1 ސްކޫލާއި ހުޅުމާލޭގެ ސްކޫލެއްގެ އިތުރުން ރާއްޖޭގެ ކޮންމެ އަތޮޅަކުން އެއް ސްކޫލްގައެވެ.
ދިރާސީ އައު އަހަރާއެކު ހެނދުނުގެ ނާސްތާ ދޭން ފެށި ސްކޫލްތައް
		
			
މި ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަހަރުގެ ދެވަނަ ޓާރމުން ފެށިގެން ހިންގާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. ދަރިވަރުންނަށް ނާސްތާ ދިނުމަށް ހަމަޖެހިފައިވަނީ އެ ސްކޫލެއް ހިމެނޭ ސަރަހައްދަކުން ކަނޑައެޅޭ ބަޔަކާ ހަވާލުކޮށްގެންނެވެ. ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ފެށުމަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭކަމެވެ.