ޚަބަރު

ޕީއެންސީ އުފެއްދުމަށް 4000 ފޯމް އީސީއަށް ހުށަހަޅައިފި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އުފެއްދެވުމަށް މަސައްކަތް ފައްޓަވާފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް، "ޕީއެންސީ" އުފެއްދުމަށްޓަކައި ހަތަރު ހާސް ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ޕީއެންސީ ރަޖިސްޓްރީ ކުރުމަށް ފޯމް ހުށައެޅުމަށް އިލްކްޝަންސް ކޮމިޝަނަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ދާދި ފަހުން އެޕާޓީއަށް ސޮއިކުރެއްވި، ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި، ކުރީގެ އިކޮނަމިކް މިނިސްޓަރ މުޙައްމަދު ސަޢީދުގެ އިތުރުން ކުރިން ޕީޕީއެމްގެ އިސް ސަފުން ފެނިގެންދިޔަ ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ޕީއެންސީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ޕީޕީއެމްގެ ކުރީގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޕާޓީ އުފެއްދުމަށް ބޭނުންވާ އަދަދަށްވުރެ އިތުރަށް އިލެކްޝަނަށް މިއަދު ފޯމް ހުށަހަޅާފައިވަނީ ކުރީގެ ރައީސް ޔާމީނަށް ތާޢީދުކުރާ ވަރަށް ގިނަބައެއްގެ ތާޢީދާއެކު އެފަރާތްތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެންކަމަށެވެ. އެނާ ވިދާޅުވީ ޕާޓީ ރަޖިސްޓްރީ ކުރުމަށް 4000 ފޯމް ހުށަހެޅިނަމަވެސް އެޕާޓީއަށް 6000 މީހުން މިހާރު ސޮއިކޮށްފައިވާ ކަމަށެވެ.


އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީ އަކީ ރައީސް ޔާމީންގެ އިސް ނެންގެވުމަކަށް އުފައްދާ ޕާޓީއެއްކަމަށާއި، އެމަނިކުފާނު ޕާޓީއާއި ގުޅިވަޑައިގަންނަވާނެ ދުވަހެއް ނިންމަވާނީ ސީދާ ރައީސް ޔާމީން ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ޕާޓީއާ ނުގުޅުނަސް އެޕާޓީން މަސައްކަތްކުރައްވާނީ ރައީސް ޔާމީންގެ ޕާޓީއެއްގޮތަށްކަމަށެވެ.

ކުރިން މަސައްކަތްކުރި ޕާޓީ ބޮޑު އަދަދަކުން ދަރަނި ވެރިވެފައިވާއިރު އާޕާޓީއެއް އުފައްދަނީ ކޮންވިސްނުމެއްގައިތޯ ނޫސްވެރިއަކު ދެންނެވުމުން އަބްދުއްރަހީމް ވިދާޅުވީ އެއީ މީގެކުރިން ބައެއް ސިޔާސީ ފުންނާބު އުސް ފަރާތްތަކުން ދައްކާފައިވާ ސަޤާފަތެއްކަމަށެވެ. އަދި ދަރަނި އޮތުމަކުން އާޕާޓީތައް އުފެއްދުމަށް ޤާނޫނުން ހުރަހެއް ނެތްކަމަށް ޕީޕީއެމްގެ ކުރީގެ ނާއިބުރައީސް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި އުފެދޭނެ އެންމެ ބޮޑު އެންމެ ވަރުގަދަ ޕާޓީއަކަށް ކޮންގްރެސް ޕާޓީ ވެގެންދާނެކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތްކުރުމައްޓަކައި ސަރުކާރާއި ހަވާލުވުމުގެ ފުރުސަތު އެޕާޓީއަށް އަދި ލިބިގެންދާނެ ކަމަށެވެ.