ޚަބަރު

2018 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅި މައްސަލަތަށް މަދުވެއްޖެ


ފާއިތުވި އަހަރު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ނިސްބަތް މަދުވެފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުން ދައްކައިފިއެވެ. މިގޮތުން ގިނަ ބާވަތްތަކުގެ މައްސަލަތަށް ފުލުހުންނަށް ހުށައެޅި ނިސްބަތް މަދުވެފައިވީ ނަމަވެސް މަސްތުވާތަކެތީގެ މައްސަލަތައް ވަނީ ނިސްބަތުން އިތުރުވެފައެވެ.

2018 ވަނަ އަހަރާއި 2017 ވަނަ އަހަރު ފުލުހުންނަށް ހުށަހަޅަފައިވާ މައްސަލަތަކުގެ މަޢުލޫމާތު މީޑިއާ ޙިއްސާކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު ވިދާޅުވީ، ފާއިތުވި އަހަރު ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ ނިސްބަތް މަދުވެފައިވަނީ ކުށްމަދުކުރުމަށް ފުލުހުން ކުރި މަސައްކަތުން ނުވަތަ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންކުރާ އިތުބާރު ކުޑަވުމުގެ ސަބަބުންކަމަށެވެ.

ފާއިތުވި އަހަރުގެ ކުށުގެ ތަފާސްހިސާބު ޙިއްސާކުރައްވާފައިވާއިރު، އެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2018ވަނަ އަހަރު ފުލުހުންނަށް ހުށަހަޅާފައިވަނީ 14811 މައްސަލައެވެ. ނަމަވެސް 2017 ވަނަ އަހަރު ހުށައަޅަފައިވަނީ 15535 މައްސަލައެވެ. މިއީ %3 އިގެ ދަށްވުމެކެވެެ. ފުލުހުންނަށް ހުށައަޅާފައިވާ ވަކިވަކި މައްސަލަތަކަށް ބަލާއިރު 2018ވަނަ އަހަރު އެންމެ ގިނައިން ހުށަހަފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެއީ 3270 މައްސަލައެވެ. ދެވަނައަށް އެންމެ ގިނައިން ހުށައަޅާފައިވަނީ، މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެއީ 2230 މައްސަލައެވެ. ތިންވަނައަށް އެންމެ ގިނައިން ހުށައަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓްގެ މައްސަލައަށެވެ. އެއީ 2007 މައްސަލައެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަތައް ފިޔަވާ ހުރިހާ ބާވަތެއްގެ މައްސަލަތައްވެސް 2017 ވަނަ އަހަރަށްވުރެ 2018 ވަނަ އަހަރު ވަނީ މަދުވެފައެވެ. އޭގެ ތެރޭގައި މާރާމާރީ، ވައްކަން، ފޭރުން، މަކަރާއި ހީލަތް އަދި ޓްރެފިލް އެކްސިޑެންޓްގެ މައްސަލަތައްވެސް ވަނީ ދަށްވެފައެވެ.

މީގެ އިތުރުން ފުލުހުން ތަޙްޤީޤްކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތައްވެސް ވަނީ 2018 ވަނަ އަހަރު 2017 ވަނަ އަހަރށްވުރެ %20 ދަށްވެފައެވެ. އިޒްމިޔާ ވިދާޅުވީ، ހުރިހާ މައްސަލަތަކަށްވުރެ މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވެފައިވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ މައްސަލަތައް ޑްރަގް ކޯޓުގައި ހިނގަމުންދާއިރު އެމީހުންގެ މައްސލަތައް އަނބުރާ ފޮނުވާތީކަމަށެވެ. އިޒްމިޔާ ވަނީ އެ މައްސލަތަކުގައި އެއް ބަޔަކު ތަކުރާރުވަކަން ފާހަގަކުރެވިފައިވާކަމަށެވެ.

މި ތަފާސްހިސާބުތަކަށް ބަލައި މިއަހަރު ކުށް މަދުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާނެކަމަށް އިޒްމިޔާ ޒާހިރު ވިދާޅުވިއެވެ. އެގޮތުން ފުލުހުންގެ މުއައްސަސާ ރިފޯމް ކުރުމުގެ މަސައްކަތްކުރިއަށްދާއިރު އާނމުގެ ޚިޔާލަށް ބިނާކޮށް އެ މުއައްސަސާއަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން އެކި މުއައްސަސާތަކާއި، ފުލުހުންގެ ޕޯޓަލްއަށް ހުށައަޅާ ޚިޔާލުތަކާއި، އިސްރަށްވެހިންނާއި ޢާންމުނާ ބައްދަލުކޮށް ޚިޔާލު ހޯދުމަށް މަހާސިންތާތައް ބާއްވާނެކަމަށް އިޒްމިއާ ޒާހިރު ވިދާޅުވިއެވެ.