ޚަބަރު

ގެއްލިފައިވާ އިތުބާރު ހޯދުމަށް ކުރަންޖެހޭ މަސައްކަތް ވަރަށް ގިނަ - ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ


ރައްޔިތުންގެ ކުރިމަތީގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ އަގު ވަރަށް ބޮޑަށް ވެއްޓިފައިވާ ކަމަށާއި އެހެންކަމުން ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުންފުނިން ކުރަންޖެހޭ މަސައްކަތް ވަރަށް ގިނަ ކަމަށް ޕީއެސްއެމްގެ އައު މެނޭޖިންގ ޑިރެކްޓަރ ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ރޭ ވާހަކަފުޅުދައްކަވަމުން ޕީއެސްއެމް މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދު ވިދާޅުވީ އެންމެ އިސްކަމެއް ދޭނީ ރައްޔިތުންގެ މެދުގައި ގެއްލިފައިވާ އިތުބާރު އަލުން ހޯދުމަށް ކަމަށެވެ. އަދި ކުރީގެ މެނޭޖުމަންޓުން ގިނަ ކަންކަން ކޮށްފައި އޮތް ގޮތުން ކުންފުނީގެ ޙާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާ، އެގޮތުން ޕީއެސްއެމްގެ ދަރަނިވެސް އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަން އަލީ ޚާލިދު ފާހަގަކުރެއްވިއެވެ.

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ ޕްރޮކިއުމަންޓް އިޖުރާޢަތްތަކާ ޚިލާފަށް ކުންފުންޏަށް ބޭނުންވާ ބައެއް ތަކެތި ގަނެފައިވާ ކަމަށެވެ. އެގޮތުން ޕްރޮކިއުމަންޓު އިޖުރާޢަތުގެ ތެރެއަށް ނުވަންނަ 15 މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ދަރަނި އެބައުޅޭ ކުންފުނީގެ ދަރަނި ނަގާފައި ރާއްޖޭގެ ކުންފުނިތަކުން. 200 މިލިއަނެއްހާވަރު އެބައަރާ އިނގޭތޯ. މައްސަލަތައް އެބައުޅޭ ގާތްގަނޑަކަށް 15 ވަރަކަށް މައްސަލަ އެއްޗެހި ގަތުމުގެ. ޕްރޮކިއުމަންޓް އިޖުރާތުގެ ތެރެއަށް ނުވަންނަ. މީގެ 14 މައްސަލައެއް މިހާރުވެސް އަޅުގަނޑު އެންޓިކޮރަޕްޝަން ކޮމިޝަނަށް ފޮނުވައިފިން." ޢަލީ ޚާލިދު ވިދާޅުވިއެވެ.

އަލީ ޚާލިދު ވިދާޅުވީ ޕީއެސްއެމްއާމެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާއިރު، ކުންފުނީގެ މާލީ ހާލަތުވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. މީގެ އިތުރުން ތަނުގެ މުވައްޒަފުންނާމެދު އިހުމާލުވުމުގެ ސަބަބުން ގިނަ މުވައްޒަފުންތަކެއްގެ މޯޓިވޭޝަން ދައްވެފައިވާ ކަމަށްވެސް އަލީ ޚާލިދު ވިދާޅުވިއެވެ. ޢަލީ ޚާލިދު ވިދާޅުވީ އެންމެ އިސްކަމެއް ދޭނީ "ބޮއްސުންލާފައިވާ" އެފަދަ ކަންކަން ރަނގަޅު ކުރުމަށް ކަމަށެވެ.

"ފުރަތަމަ އެއްކަމަކީ ކުންފުނީގެ މާލީ ހާލަތު ވަރަށް އޮތްގޮތް ދައްކޮށް. ދެވަނަ ކަމަކީ ސްޓާފުންނާއި ދޭތެރޭ ކަންތައްވެފައި ހުރި ގޮތް. އިހުމާލުވެފައި މިހުރީ. އެހެންވީމާ ސްޓާފުންގެ މޯޓިވޭޝަން މިހުރީ ވަރަށް ދައްކޮށް. ދެން އަނެއް ކަމަކީ ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރަންޖެހޭ މަސައްކަތް ވަރަށް ގިނަގުނަ." ޢަލީ ޚާލިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ޕީއެސްއެމްއިން މަސައްކަތް ކުރާނީ ވަކި ފަރާތަކަށް ނުޖެހި މިނިވަން ކަމާއެކީގައި ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް ބޭނުންވާނެ ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދީ އަދި މުނި ފޫހި ފިލުވައިދިނުމުގެ ޕްރޮގްރާމްތައް ގެނެސްދޭ ޗެނަލްތަކަކަށް ކުންފުނީގެ ޗެނެލަތައް ހަދާނެ ކަމަށް އަލީ ޚާލިދު ވިދާޅުވިއެވެ.