ވިޔަފާރި

ކޮރަޕްޝަންގެ އަމަލުތައް ހިނގަނީ ބިދޭސީން ގެނައުމުގައި ހުރި ދަތިތަކެއްގެ ސަބަބުން


ރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީން ގެނައުމުގައި ކޮރަޕްޝަން އުޅޭކަން ފާހަގަކުރެވެނީ، ބިދޭސީން ރާއްޖެ ގެނައުމުގައި ހުރި ދަތިތަކެއްގެ ސަބަބުންކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއީލް ވިދާޅުވީ، ބޭރު މީހުން ރާއްޖޭގައި މަސައްކަތް ކުރުމުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރެއްވޭކަމަށެވެ. އެގޮތުން ކޯޓާއާއި، ވޯރކް ޕަރމިޓްގެ ކަންކަން ނިންމުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހުރިކަން ތުހުމަތުކުރެވޭއިރު، ކުރީގެ ސަރުކާރުން މިފަދަ މައްސަލަތައް ހައްލުކުރުމުގައި އިހުމާލުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފައްޔާޟު ވިދާޅުވީ، ޤާނޫނާއި ޙިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ މައްސަލައަށް ހައްލުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށެވެ. ސަރުކާރުގެ އަމާޒަކީ ވަޒީފާތަކަށް ދިވެހިން އިތުރުކުރުންކަމަށާއި، ނަމަވެސް ދިވެހިން ނުލިބޭ ހާލަތުގައި، ބޭރުން މީހުން ގެނައުމުގައި ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސަވާނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުންމީދުކުރަނީ ޤާނޫނާއި ޙިލާފަށް އެތެރެކޮށްފައިތިބި ބޭރުމީހުންގެ މައްސަލައަށް ހައްލެއް ހޯދަން. އޭގަވެސް ރަނގަޅު އަދުލުވެރި އުސޫލެއް ކަނޑައަޅައި އެމަސައްކަތުގައި އަޅުގަނޑުމެން ކުރިއަށް މިދަނީ. ދިވެހިން ނުލިބޭ ދާއިރާތަކަށް ބޭރުމީހުން ގެނައުން ފަސޭހަ ކުރެވޭނެ ގޮތެއްވެސް އަޅުގަނޑުމެން ހަދާނަން" އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއީލް ވިދާޅުވިއެވެ.

ސަރުކާރުން ވަޒީފާތަކަށް ދިވެހިން ނެރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށްވަނީ ނިންމާފައެވެ. ދިވެހިން ވަޒީފާ ބޭނުންވާ ދާއިރާތައް ބަލައި، އެ ދާއިރާތަކުން ދިވެހި ތަމުރީނު ދިނުމަށް ނިންމާފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާއިން އެކަނިވެސް 30،000 މީހުން މި 5 އަހަރުގެ ތެރޭގައި ތަމްރީންކުރާނެކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެވެ.

"ފުރަތަމަ އަޅުގަނޑުމެން މި މަސައްކަތްކުރަނީ ވަޒީފާތަކަށް ދިވެހިން ބޭނުންވާ ދާއިރާތަކަކީ ކޮބައިތޯ ބެލުމަށް. އެއަށް މީހުން ތަމްރީންކުރަން. އެގޮތުން 30،000 މީހުން ޓޫރިޒަމްގެ ދާއިރާއަށް މި 5 އަހަރުގެ ތެރޭގައި ތައްޔާރުކުރުންވެސް އަޅުގަނޑުމެންގެ ވައުދަކަށް އޮންނާނެ" ފައްޔާޟު އިސްމާއީލް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް ދިވެހިން ތަމްރީނުކުރުމަށްޓަކައި ހާއްސަ އިންސްޓިޓިއުޓެއް މިއަހަރު އުފައްދާނޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި ރިސޯޓްތަކުގައި ވަޒީފާއަދާކުރާ ދިވެހިންގެ ނިސްބަތް އިތުރުނަމަ އެފަދަ ރިސޯޓްތަކަށް ޓެކްސްގެ ލުޔެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.