ފާއިތުވި ތަނުގައި ފުލުހުން ޝާމިލްވެ ހިންގާފައިވާ އޮޕަރޭޝަންތަކުގައި، އެކިފަރާތްތައް ފްރޭމްކޮށްފައިވާކަމަށް ފުލުހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަތައް ބައްލަވާނެކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޕޮލިސް ކޮމިޝަނަރ ޙަމީދު ވިދާޅުވީ، ފުލުހުންގެ މައްޗަށް ފާއިތުވި ތަނުގައި ކޮށްފައިވާ ތުހުމަތުތައް ބަލާ އެކަމުގައި ޢަމަލުކުރާނެ ގޮތްތަކެއް ހޯއްދެވުމަށް ޕްރޮސެކިއުޓަރ ޖެނެރަލާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއެކު މަޝްވަރާކުރުމަށް ނިންމާފައިވާކަމަށެވެ. ޙަމީދު ވިދާޅުވީ، އެކި މައްސަލަތަކުގައި ހެކި އުފެއްދުން ނުވަތަ އެވިޑެންސް ޕްލާންޓްކޮށްގެން ނުވަތަ އެތަޙްޤީޤްގެ މަރުޙަލާތައް އެއޮންނަ ހަމަތަކާ މިންގަނޑުތަކުން ބޭރުން ބޭނުންކޮށްގެން ވަކިކަހަލަ ފައިދާއެއް ނުވަތަ ވަކި ނަތީޖާއެއް ނެރުމަށްޓަކައި ފުލުހުން މަސައްކަތްކޮށްފައިވާކަމަށް ރައްޔިތުންގެ މެދުގައި ތުހުމަތުކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާކަމެއްކަމަށެވެ.
އަދި ތުހުމަތުތައް ބައްލަވާނެކަން ފާހަގަކުރައްވަމުން އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ހަމީދު ވިދާޅުވީ، އެކަމުގައި ފުލުހުން ނުވަތަ ފުލުހުންތަކެއް ޝާމިލްވާކަމަށްވާނަމަ އެ ފަރާތްތަކެއްގެ މައްސަލަ އެ އޮންނަ އުސޫލާއި ހަމަތަކުގެ ތެރެއިން ބަލައި ފިޔަވަޅު އަޅާނެކަމަށެވެ.
ޙަމީދު ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ، އެކި މައްސަލަތަކުގައި ފުލުހުން ހެކި އުފައްދާކަމަށް ކުރެވޭ ތުހުމަތުތަކަކީ ހަމައެކަނި ފުލުހުންގެ މައްޗަށް ފޯރާ ސިޔާސީ ނުފޫޒުން ހިނގާ ކަންކަން ނޫންކަމަށާއި، އެއީ ފުލުހުންގެ މުއައްސަސާ ހިންގުމަށް ތިއްބަވާ ފަރާތްތަކުގެ ދައުރުވެސް ހިމެނޭކަމަށެވެ. ހަމީދު ވިދާޅުވީ، ފުލުހުންގެ މުއައްސަސާ ހިންގުމަށް ބޮޑެތި ބަދަލުތަކެއް 2013 ވަނަ އަހަރުން ފެށިގެން އައިސްފައިވާކަމަށާއި، އެ ބަދަލުތަކުގެ ސަބަބުން އެ މުއައްސަސާގެ މިސްރާބު އެކި ގޮތްގޮތަށް ބަދަލުވާންދިމާވާކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
ފުލުހުންގެ މައްޗަށް ކުރެވޭ މިފަދަ ތުހުމަތުތައް ހުއްޓުވާ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ހޯދުމަށް ޤާނޫނަށް ގެންނަޖެހޭ އިޞްލާޙުތަކެއް އެބަހުރިކަމަށާއި، އެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވިއެވެ.