މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް ކޯސްޓްގާރޑުން އިސްނަގައިގެން މާލެ-ވިލިމާލެ ފެރީ ޓާރމިނަލް ހިމެނޭ ސަރަޙައްދުގެ ފަޅު ސާފުކޮށްފިއެވެ. ފަޅުތެރެ ސާފުކޮށް ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅިއާއި ކުނިބުނި ނަގާފައިވެއެވެ.
ފަޅު ސާފުކުރުމުގެ ޕްރޮގްރާމަކީ، އެމްއެންޑީއެފް ކޯސްޓްގާރޑުގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހިންގާ ޙަރަކާތްތަކުގެ ތެރެއިން ހިންގި ޙަރަކާތެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ފަޅު ސާފުކުރުމުގެ ޕްރޮގްރާމް ފެށުމަށް ސުނާމީ ބިނާ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، މާލޭގެ ކަނޑާއި، ފަޅާއި، މޫދު ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް އޮޑި ދޯނިފަހަރާއި، ލޯންޗު ފަހަރު ގެންގުޅޭ ފަރާތްތަކާއެކު ސިޓީ ކައުންސިލުން ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ބައެއް ދަތުރުތަށްކޮށް ނިންމުމަށްފަހު ދޯނިތަކުން މާލެއިން ބޭރުން ގެންނަ ކުނިވެސް މާލެ ފަޅުތެރަށް އަޅަމުން އަންނަންކަން ފާހަގަކުރެވޭ ކަމަށް ސިފާ ވިދާޅުވިއެވެ.
""ބައެއް ދަތުރުތައްކޮށް ނިންމާފައި އައިސް ދޯނިތަކުން މާލެއިން ބޭރުން ގެންނަ ކުނިވެސް މާލެ އެތެރެކުރަމުން މިދަނީ. އަދި ހިތާމަކުރުން ފަރަށް ކަނޑަށް މޫދަށް ކުނި އުކަމުން އެގެންދަނީ. އެކަން ހުއްޓުވަން ޖަމިއްޔާއަކާ ގުޅިގެން މަސައްކަތް އެބަ ފަށަން. އެއީ ރަނގަޅު ފެށުމެއް ކަމަށް މިބަލަނީ ތިބޭފުޅުންގެ އެހީތެރިކަމާއެކު މިކަން ހުއްޓުވުމުގެ ބާރު ލިބިގެންދާނެ"މާލެ ސީޓީގެ މޭޔަރ ވިދާޅުވިއެވެ.
ސިފާ ވިދާޅުވީ، މާލޭގެ މަގުތަކާއި، ކަނޑާއި ފަޅުތައް ސާފުތަނެއްގެ ގޮތުގައި ބޭއްވުމަށް އަމިއްލަ ފަރާތްތަކުންނާއި، އެކިއެކި މުއައްސަސާތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝަމާލް ވިދާޅުވީ، އެމްއެމްޑީއެފް ކޯސްޓްގާރޑުން އިސްނަގައިގެން ކުރިއަށް ގެންދާ ފަޅު ސާފުކުރުމުގެ ޕްރޮގްރާމަކީ ވަރަށް މުޙިންމު ޕްރޮގްރާމެއް ކަމަށެވެ.
"ކުރިންސުރެ މިކަހަލަ އިވެންޓުތަކުގައި ބައިވެރިވަމުން. މިކަހަލަ މުޙިންމު ދައުރުތަކެއް އަދާކުރާ އެއް އާރމް އެމްއެންޑީއެފް ކޯސްޓްގާރޑަކީ. މިއަދު އޭގެތެރެއިން ގެންދެވޭ ސިލްސިލާ ޕްރޮގްރާމެއް މިއީ ވަރަށް މުޙިންމު ޕްރޮގްރާމެއް. ވަރަށް ރައްޔިތުންނާ ގާތުން އަދި ދައުލަތުގެ އެހެން މުއައްސަސާތަކާ ގާތުން މަސައްކަތްކުރާ ބައެއް ކޯސްޓްގާރޑަކީ" ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝަމާލް ވިދާޅުވިއެވެ.
މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމަކީ، ރައީސް އިބްރާޙީމް މުޙައްމަދު ސޯލިޙުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެވަޢުދުގެ ދަށުން ވަނީ "ސާފު ރާއްޖެ - އަހަރެންގެވެސް ޒިންމާ" ގެނަމުގައި ޚާއްޞަ ހަރަކާތެއް ފަށާފައެވެ.