ޚަބަރު

ފުލުހުންނަށް ސިޔާސީ ނުފޫޒު ފޯރާނެފަދަ ބަދަލުތަކެއް ކުރީގެ ސަރުކާރުން ވަނީ ގެނެސްފައި - ޙަމީދު


ފުލުހުންގެ މުއައްސަސާގެ މައްޗަށް ސިޔާސީ ނުފޫޒުފޯރާނެފަދަ ބަދަލުތަކެއް ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދަށް، ކުރީގެ ސަރުކާރުން ގެނެސްފައިވާކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، ފުލުހަކު ފުލުހެއްގެ ވަޒީފާގައި ހުރުމާއި ނުހުރުން ހޯމް މިނިސްޓަރުގެ އަތްޕުޅުމަތީގައި އޮންނަންޖެހޭގޮތަށް ކުރީގެ ސަރުކާރުން ފުލުހުންގެ ވަޒީފާއާއި ބެހޭ ޤަވާޢިދަށް ބަދަލުގެނެސްފައިވާކަމަށެވެ. އެއީ ގޯސް ބަދަލެއްކަމަށާ، އެއީ ސިޔާސީ ނުފޫޒު ފޯރުވިދާނެފަދަ ބަދަލުތަކެއްކަމަށެވެ. އަދި އެއީ ފުލުހުންގެ މުއައްސަސާގެ އުސޫލުން ބޭރުން ކޮށްފައިވާކަމެއްކަމަށާއި، މީގެ ދެދުވަސްކުރިން އެ އިޞްލާހު މިހާރު ބާޠިލުކުރައްވާފައިވާނެކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

"އެ އިސްލާޙު ބާޠިލުކުރީ އެއީ ފުލުހުންގެ ވަޒީފާގެ ގެރެންޓީވެސް ދެމެހެއްޓުމަށްޓަކައި. ފުލުހުންގެ ވަޒީފާ ބިނާވާނީކީ ކޮމިޝަނަރ އޮފް ޕޮލިސްއާއި ހޯމް މިނިސްޓަރާ ދެބޭފުޅުން މަޝްވަރާކޮށްފައި މިވެނި ފުލުހަކަށް މިވެނި ދުވަހަކުން ފެށިގެން ވަޒީފާގައި ނުހުރެވޭނޭ. އެހެންނެއް ނުއެއް ނިންމެވޭނެ. އޮންނަ އުސޫލުން އެކަން ކުރެވޭނީ"

ހަމީދު ވިދާޅުވިއެވެ.

އެ އިސްލާޙު ބާޠިލުކުރީ ފުލުހުންގެ މެނޭޖުމަންޓް ބޯޑާއި، އެގްޒެކެޓިވް ބޯޑާ މަޝްވަރާކުރުމަށްފަހުކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. އެއީ ފުލުހުންގެ މައްޗަށް އޮތް ސިޔާސީ ނުފޫޒް ނުފޯރުވޭނެ ކަމުގެ ޔަޤީންކަން ކަށަވަރުކުރުމަށް ކުރެއްވިކަމެއްކަމަށްވެސް ޙަމީދު ވިދާޅުވިއެވެ.
ޙަމީދު ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ މަސްލަޙަތު ދަމަހައްޓަވާނެކަމަށާ، އެއީ އެމަނިކުފާނަށް ވަރަށް މުހިންމު މަސްލަޙަތެއްކަމަށެވެ. އެއްވެސް ފަރާތަކުން ސިޔާސީ ނުފޫޒު ފޯރުވިނަމަވެސް އިސްކުރާނީ މުއައްސަސާގެ މަސްލަޙަތުކަމަށް މުޙައްމަދު ޙަމީދު ވިދާޅުވިއެވެ.

"އަޅުގަނޑު ޤަބޫލުކުރާގޮތުގައި ރައްޔިތުންގެ ކުރިމަތީގައި އަލުގަނޑުމެން ރައްޔިތުންގެ އިތުބާރާ ޔަޤީންކަން ގެއްލިފައިވާ މިންވަރު ކުޑަކޮށް އެ އިތުބާރާ ޔަޤީންކަން ހޯދަން އަލުން މަސައްކަތްކުރާނަން. އެއީ މުހިންމު އަމާޒެއް. އެކަން ކުރާނީ މަސައްކަތުން ދައްކައިގެން. ސިޔާސީ ނުފޫޒުން ސަލާމަތްކުރުމަށް މުއައްސަސާގެ މަސްލަހަތު ދަމަހައްޓަނަން. އަޅުގަނޑު މައްޗަށް ސިޔާސީ ނުފޫޒެއް އަދި ފޯރުވިކަމުގައި ވިޔަސް އަޅުގަނޑު އިސްކުރާނީ މުއައްސަސަގެ މަސްލަހަތު. ޖުމްލަގޮތެއްގައި ރައްޔިތުންގެ މަސްލަހަތު."

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅޖުވިއެވެ.

ސިޔާސީ ނުފޫޒެއް ފޯރުވައިގެން ވަކިކަމެއް ވަކިގޮތަކަށް ކުރުމަށް އެންގެވިކަމުގައި ވިޔަސް ނުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުން ޙަމީދު ވިދާޅުވީ، ގޯސް ގޮތުގައި ނުފޫޒް ފޯރުވެން ހުރި ދޮރުތައް ބަންދުކުރުމަށް ޤާނޫނީ ގޮތުން ގެނަންޖެހޭ އިސްލާހުތައް ގެންނަވާނެކަމަށެވެ.