ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ އިއްޔެ ފެނުނު ތިން އަހަރުގެ މުޙައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގަ ޖެންޑަރ މިނިސްޓްރީގެ އިހުމާލެއް އޮތްތޯ ބަލަމުންދާ ކަމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ހިންގުމާ ހަވާލުވެ ހުންނެވި ބަންޑާރަ ނައިބް މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ.ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އަނިލް ވިދާޅުވީ، މިކަމުގަ ޖެނޑަރ މިނިސްޓްރީގެ އެއްވެސް ފަރާތެއްގެ އިހުމާލެއްވާނަމަ އެފަރާތަކާމެދު ހަރުކަށި ފިޔަވަޅު އަޅުއްވާނޭ ކަމަށެވެ.އަނިލް ވިދާޅުވީ ތިން އަހަރުގެ މި ތުއްތު ކުއްޖާއަށް އަނިޔާ ކުރާ މައްސަލަ މިނިސްޓްރީއަށް ހުށަހެޅުމުން، މިނިސްޓްރީގެ ޓީމެއް ރަކީދޫއަށް ގޮސް ބެލިއިރު އެކުއްޖާ އުޅުނީ މަންމައާ އެކުގަ ނޫންކަމަށާއި، އެކުއްޖާ އުޅުނީ އޭނާގެ އާއިލާގެ ބަޔަކާ އެކުގަ ކަމަށެވެ. އަދި ޖެންޑަރ މިނިސްޓްރީން އެކުއްޖާ ބެލުމަށްޓަކާ މަންމައާ ހަވާލުކޮށްފައި ނުވާނެ ކަމަށް އަނިލް ވިދާޅުވިއެވެ. އަދި އޭގެ ފަހުން ކުއްޖާ ބެލުމުގެ ކަންކަން މިނިސްޓްރީން ކުރިއަށް ގެންދިޔަ ގޮތް މިހާރު ތަހްގީގު ކުރަމުންދާ ކަމަށްވެސް އަނިލް ވިދާޅުވިއެވެ.އަނިލް ވިދާޅުވީ އިބްތިހާލްގެ މަރާ ގުޅޭ ރިޕޯޓު އެކުލަވާލާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށާއި ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެ ކަމަށެވެ.އަނިޔާވެރި ގޮތަކަށް މަރާލާފަ އޮއްވާ އިއްޔެ ފެނުނު އުމުރުން ތިން އަހަރުގެ މުޙައްމަދު އިބްތިހާލްގެ ޖަނާޒާ މިއަދު އަސުރު ނަމާދަށްފަހު މާލޭ އަސާރަގައި ވަނީ ބާއްވާފައެވެ. މިޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.