ވިޔަފާރި

"މޯލްޑިވްސް ބިޒްނަސް ޓޯކްސް" އިފްތިތާޙްކޮށްފި


ރާއްޖޭގެ އިޤްތިޞާދުގައި ހިމެނޭ މައިގަނޑު ދާއިރާތަކުގެ މެދުގައި ބާއްވާ ވިޔަފާރީ ބައްދަލުވުން "މޯލްޑިވްސް ބިޒްނަސް ޓޯކްސް" ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. "މޯލްޑިވްސް ބިޒްނަސް ޓޯކްސް" އިފްތިތާޙްކޮށްފައިވަނީ "މޯލްޑިވްސް ބިޒްނަސް އެވޯޑްސް" ހަފްލާގެ ތެރެއިންނެވެ.

"މޯލްޑިވްސް ބިޒްނަސް ޓޯކްސް" އަކީ ރާއްޖޭގެ ޕީއާރު އެންޑް މާކެޓިންގ ކުންފުންޏެއްކަމަށްވާ ބްލޭޒަން އިންކްއިން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި އިވެންޓްގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ވިޔަފާރީގެ އެކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ ފަރާތައް އެއް ތަނަކަށްއައިސް ވިޔަފާރިއާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ. މޯލްޑިވްސް ބިޒްނަސް ޓޯކްގައި ވިޔަފާރިކުރުމުގައި ދިމާވާ ދަތިތަކާއި، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެކަމަށް ބްލޭޒަން އިންކް އިން ބުނެއެވެ.

"މޯލްޑިވްސް ބިޒްނަސް ޓޯކްސް" ކުރިއަށްދިއުމަށް ހަމަޖެހިފައިވަނީ، މުޅި އަހަރަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ މަހަކުވެސް ވަކި ސިނާއަތަކަށް ޙާއްސަކޮށްގެން އެއްދުވަހުގެ މުއްދަތަކަށް ވިޔަފާރި މަޝްވަރާތައް ކުރިއަށްގެންދާނެއެވެ. ވިޔަފާރީގެ ބައްދަލުވުން އަމާޒުވާ ދާއިރާއާއި ބައްދަލުވުން ކުރިއަށްގެންދިއުމަށް ކޮންމެ މަހަކުވެސް ވަކި ދާއިރާއަކަށް ހާއްސަކޮށްގެންނެވެ.

ބައްދަލުވުންތައް ބެހިގެންވަނީ،
ޖެނުއަރީ - ކޮންސްޓްރަކްޝަން އެންޑް ރިއަލް އެސްޓޭޓް
ފެބްރުއަރީ – ސައިންސް އެންޑް ޓެކްނޮލޮޖީ
މާރޗް – ޕަބްލިކް ސެކްޓަރ
އޭޕްރިލް – ޕްރޮފެޝަނަލް ސަރވިސަސް
މެއި – ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ޖޫން – ވިމެން އިން މެނޭޖްމަންޓް
ޖުލައި – ފައިނޭންޝަލް ސަރރވިސަސް
އޯގަސްޓް – ޓްރޭޑް އެންޑް ޓްރާސްޕޯރޓް
ސެޕްޓެމްބަރ – ޓްރެވަލް އެންޑް ޓޫރިޒަމް
އޮކްޓޯބަރ – ޔުޓިލިޓީސް
ނޮވެމްބަރ – ފުޑް އެންޑް ރެސްޓޯރެންޓްސް
ޑިސެމްބަރ – ހުރިހާ ދާއިރާއެއް ހިމެނޭގޮތައް އަހަރީ ކޮންފަރެންސް

މި ބައްދަލުވުންތަކުގެ ތެރެއިން ކޮންފަރެންސްތަކާއި، ޕެނަލް ޑިސްކަޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ބްލޭޒަން އިންކްއިން އިސްނަގައިގެން ރާއްޖޭގެ އިޤްތިސާދުގައި ހިމެނޭ އެކި އިންޑަސްޓްރީތަކުން ފާހަގަކޮށްލެވޭ ވިޔަފާރިތަކަށް "މޯލްޑިވްސް ބިޒްނަސް އެވޯޑްސް" ގެ ނަމުގައި ފުރަތަމަ ފަހަރަށް ވަނީ އެވޯޑެއްވެސް ދީފައެވެ. މިގޮތުން ޖުމްލަ 3 ދާއިރާއަކުން 23 އެވޯޑެއް ވަނީ ދީފައެވެ.

މި އެވޯޑުގެ ބޭނުމަކީ ވިޔަފާރިތަކުން ޤައުމުގެ އިޤްތިސާދަށް އަންނަ ހެޔޮބަދަލުތަކާއި، ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، އެހެން ވިޔަފާރިތައް ކުރިއެރުވުމަށް ހިތްވަރު ދިނުންކަމަށް ބްލޭޒަން އިންކްއިން މައުލޫމާތުދެއެވެ.