ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައި.ޔޫ.އެމްގެ ލަރނިންގ ސެންޓަރެއް ފުވަމުލަކު ސިޓީގައި ޤާއިމުކުރުމުގެ އެއްބަސްވުމެއްގައި އިސްލާމީ ޔުނިވަރސިޓީން ފުވަމުލަކު ސިޓީ ކައުންސިލާއެކު ސޮއިކޮށްފިއެވެ.
ފުވަމުލަކުގައި ޤާއިމުކުރާ އައި.ޔޫ.އެމްގެ ލަރނިންގ ސެންޓަރަކީ އެ ޔުނިވަރސިޓީން އަތޮޅުތެރޭގައި ޤާއިމުކުރާ މިފަދަ ފުރަތަމަ ސެންޓަރެވެ.
އައި.ޔޫ.އެމްގެ މީޓިން ރޫމްގައި ބޭއްވި ރަސްމިއްޔާތެއްގައި ފުވަމުލައް ސިޓީގައި އިސްލާމީ ޔުނިވަރސިޓީގެ ލަރނިން ސެންޓަރު ޤާއިމުކުރުމުގެ އެއްބަސްވުމުގައި އެ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ، ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ އައިޝަތު ޚަލީލާ ޢަބްދުއްސައްތާރެވެ. އަދި ފުވަމުލައް ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ސިޓީގެ މޭޔަރ ޢަބްދުﷲ ފަލާޙް ޝަރީފެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އައި.ޔޫ.އެމްގެ ވައިސް ޗާންސެލަރ އައިޝަތު ޚަލީލާ ޢަބްދުއްސައްތާރު ވިދާޅުވީ، ފުވަމުލަކުގައި އައި.ޔޫ.އެމްގެ ލަރނިންގ ސެންޓަރެއް ޤާއިމުކުރުމަށް ނިންމާފައިވަނީ ފުވަމުލައް ސިޓީ ކައުންސިލުން އެ ޔުނިވަރސިޓީއަށް ދީފައިވާ އިމާރާތެއްގައި ކަމަށެވެ. އަދި އެތަނަށް ގެންނަންޖެހޭ ކުދި ކުދި ބަދަލުތައް ގެނެސް ނިންމާ، އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓަރ ތެރޭގައި އެތަނުގައި ކިޔަވައިދޭން ފެށުމަކީ އަމާޒެއްކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފުވަމުލައް ސިޓީގެ މޭޔަރ ޢަބްދުﷲ ފަލާޙް ޝަރީފް ވިދާޅުވީ، ފުވަމުލައް ސިޓީއަކީ ވަސީލަތުގެ ގޮތުން މުއްސަނދި ރަށަކަށްވިނަމަވެސް، ރާއްޖޭގެ ގިނަ ރަށްތަކެކޭ އެއްގޮތަށް، ޒުވާނުންނަށް އެރަށުގައި ތިބެގެން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުރި ފުރުޞަތުތައް މަދުކަމަށެވެ. ނަމަވެސް އައި.ޔޫ.އެމްގެ ލަރނިންގ ސެންޓަރާއެކު މަތީ ތަޢުލީމަށް ފުވައްމުލަކުގައި ހުރި ފުރުޞަތުތައް އިތުރުވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށް ފަލާޙް ވިދާޅުވިއެވެ.
އައި.ޔޫ.އެމުން ބުނީ އެ ޔުނިވަރސިޓީން އަތޮޅުތަކުގައި ޤާއިމުކުރާ ލަރނިންގ ސެންޓަރުތައް ހިންގުމުގައި މައިގަނޑު ވިސްނުމަކީ ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން ހިންގުން ކަމަށެވެ. ފުވަމުލައް ސިޓީގެ އިތުރުން ރާއްޖޭގެ އިތުރު 4 ސަރަޙެއްދައިވެސް އައި.ޔޫ.އެމްގެ ލަރނިންގ ސެންޓަރުތަކެއް ޤާއިމުކުރުމަށް އެ ޔުނިވަރސިޓީން މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެއީ ހދ. ކުޅުދުއްފުއްޓާއި، ޅ. ނައިފަރާއި، ގދ. ތިނަދޫގެ އިތުރުން ލ. ފޮނަދޫގައެވެ.