ޚަބަރު

ބޯހިޔާވަހިކަމުގެ ސިޔާސަތު އެކުލަވާލުމަށް ކަމާގުޅުންހުރި އިދާރާތަކާއެކު މިދަނީ މަޝްވަރާކުރަމުން- މިނިސްޓަރ ޢާޠިފާ


ބޯހިޔާވަހިކަމާގުޅޭ ޤައުމީ ސިޔާސާތު އެކުލަވާލުމަށްޓަކާ ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާތައް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އާމިނަތު ޢާޠިފާ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ކުރުމަށް ހަމަޖެހިފައިވާ ކަންކަމާގުޅޭ މަޢުލޫމާތު ފުރަތަމަ ފަހަރަށް މީޑިއާއާއި ހިއްސާކުރައްވަމުން ހައުސިންގ މިނިސްޓަރ ޢާޠިފާ ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަކީ ހުރިހާ ދިވެހި ރައްޔިތުންގެ މަސްލަޙަތު ހިމެނޭ ކަމެއްކަމުން، އެކަމަށް އަވަސް ހައްލެއް ގެނެއުމުގެ ގޮތުން ބޯހިޔާވަހިކަމުގެ ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން މިފަދަ ސިޔާސަތެއް އެކުލަވާލުމަށްޓަކާ ކަމާގުޅުންހުރި ތަފާތު ވުޒާރާތަކާއި މަޝްވަރާތައް ކުރަމުންދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ހައުސިންގ މިނިސްޓަރ ޢާޠިފާ ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ދަށުން ނުހައްޤުން ފްލެޓް ދީފައިވާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަތައް ބެލުމަށްޓަކާ އެ މިނިސްޓްރީއާއި ކަމާގުޅޭ އެހެން ވުޒާރާތަކުގެ ބައިވެރިވުމާއެކު އެކަމަށް ޙާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާކަމަށެވެ. އަދި އެ ކޮމެޓީން އެކަންކަން ބަލަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ކުރުމަށް ހަމަޖެހިފައިވާ އިތުރު ކަންކަމަށް އިޝާރާތްކުރައްވާ މިނިސްޓަރ ވިދާޅުވީ، މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގެ މަގުތައް އަލިކުރުމުގެ މަސައްކަތާއި، ގުޅީފަޅާއި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްދާ ހައުސިންގ މަޝްރޫޢުތައްވެސް ބަލައި ދިރާސާކުރަމުންދާކަމަށެވެ.

މީގެ އިތުރުން މުޅި ރާއްޖެ ހިމެނޭހެން ހެދުމަށް ހަމަޖެހިފައިވާ ހައުސިންގ އެސެސްމަންޓެއް ފެށުމަށްޓަކާ ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާ، މިފަދަ އެސެސްމަންޓެއް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ހާލަތު ވިހާވެސް ތަފްސީލީ ނަޒަރަކުން ދެނެގަތުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި އެސެސްމަންޓްގައި، ގޯތިގެދޮރު ބޭނުންވާ މީހުންގެ އަދަދާއި، ރަށްރަށުގެ ބިމުގެ ތަފްސީލާއި، އިޤްތިޞާދީގޮތުން ގެންނަންޖެހޭ ތަރައްޤީގެ މަޢުލޫމާތު ދެނެގަންނާނެކަމަށްވެސް ހައުސިންގ މިނިސްޓަރ ޢާޠިފާ ވިދާޅުވިއެވެ.