އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަސައްކަތްކުރާނެ ފޯކަލް ޕޮއިންޓުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފިއެވެ.
އެކޮމިޝަނުން ވަނީ 199 ފޯކަލް ޕޮއިންޓުން ހޯދުމަށް އިޢުލާންކޮށްފައެވެ. އޭގެ ތެރޭގައި ރަށްރަށުގެ ފޯކަލް ޕޮއިންޓުންގެ ގޮތުގައި 179 މީހަކާއި، އަތޮޅު ފޯކަލް ޕޮއިންޓުންގެ ގޮތުގައި 18 މީހަކު އަދި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް 2 ފޯކަލް ޕޮއިންޓުން ހޯދުމަށް އިޢުލާންކޮށްފައިވެއެވެ. އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 3ވަނަ ދުވަހުގެ ނިޔަލަށްވަނީ ފުރުސަތު ހުޅުވާލާފައެވެ.
ފޯކަލް ޕޮއިންޓަކަށް ކުރިމަތިލާ ފަރާތަކީ ރަށު ކައުންސިލް އިދާރާ ނުވަތަ އަތޮޅު ނުވަތަ ސިޓީ ކައުންސިލް އިދާރާއެއްގައި އިސްކޮށް މަސައްކަތްކުރާ ފަރާތެއް ކަމުގައިވާން ޖެހޭއިރު، އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިންގައި ހަރަކާތްތެރި ނުވުމާއި ކެންޑިޑޭޓެއްގެ ޢާއިލީ މެމްބަރަކަށް ނުވުމާއި އިންތިޚާބީ އޭޖެންޓަކަށް ނުވުމަށް ވަނީ ޝަރުތުކޮށްފައެވެ.
އަދި އިލެކްޝަންސް ކޮމިޝަނުން ޙަވާލުކުރާ އިންތިޚާބާބެހޭ މަސައްކަތްތައް އިސްނަގައިގެން އަމިއްލައަށް ކުރުމުގެ ޤާބިލުކަމާއި، ތަޢުލީމާއި، ތަޖުރިބާ ހުރި މީހަކު ކަމުގައި ކޮމިޝަނަށް ޤަބޫލުކުރެވޭ ވަރުގެ މީހަކަށްވެސް ވާން ޖެހޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ފޯކަލް ޕޮއިންޓުން ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދުއިސައްތަ ރުފިޔާ އަދި ކަނޑައެޅިފައިވާ އުޞޫލުން ފޯކަލް ޕޮއިންޓުންނަށް ފޯނު އެލަވަންސުގެ ގޮތުގައި މަހަކު ސަތޭކަ ފަންސާސް ރުފިޔާ ދޭނެކަމށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް މަހުގެ 6ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައި އިޢުލާންކޮށްފައެވެ.