ޚަބަރު

އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ރ.ދުވާފަރުގައި ބާއްވަނީ


ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ރ.ދުވާފަރުގައި ބޭއްވުމަށް ސަރުކާރުން ނިންމައިފިއެވެ.
މާދަމާ މެންދުރު، ދުވާފަރުގައި ބާއްވާ ޖަލްސާ ޝަރަފުވެރިކޮށް ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ. މިޖަލްސާގައި އެމަނިކުފާނު ވާހަކަފުޅުދެއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲވެސް ބައިވެރިވެވަޑައިގަންނަވާ މި ޖަލްސާގައި، ކާރިސާތަކުން އަރައިގަތުމުގައި އެއްބައިވަންތަކަމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ދައްކާނެކަަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

މިޖަލްސާގައި ސުނާމީ ކާރިޘާއާ ގުޅިގެން ދުވާފަރު ރައްޔިތުން ހާލުގައި ޖެހުނުއިރު އެހީތެރިކަންފޯރުކޮށްދިން ރަށްރަށަށް އެކަމުގެ އަގު ވަޒަންކުރުމުގެ ހަނދާނީ ފިލާ ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ހޯމް މިނިސްޓްރީން ބުނެއެވެ.

އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި، ދުވަހެއް ފާހަގަކުރަނީ، 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް އެރި ސުނާމީކާރިސާއާ ގުޅިގެން ރާއްޖޭގެ ރައްޔިތުން ސާބިތުކޮށްދިން އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ ހަނދާން އާކުރުމުގެ ގޮތުންނެވެ.

ސުނާމީ ކާރިސާގައި ދިވެހިރާއްޖެއިން 82 މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާއިރު 26 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ސުނާމީއާ ގުޅިގެން ރާއްޖޭގެ 13 ރަށަކުން މީހުން ފޭބިކަމަށް ސަރުކާރުގެ ރަސްމީ ރިޕޯޓުތަކުން ދައްކާ އިރު، ގެދޮރު ގެއްލުނު މީހުންގެ އަދަދު ފަނަރަ ހާހަށްވުރެ މައްޗައް އަރައެވެ.