ޚަބަރު

ހުޅުމާލޭ ބީޗްގައި ކެފޭތައް ހިންގަނީ ހުއްދަނެތި - އިކޮނޮމިކް މިނިސްޓަރ


ހުޅުމާލޭގެ ބީޗް ސަރަޙައްދުގައި ކެފޭތައް ހިންގަނީ ޤަވާއިދާ ޚިލާފަށްކަމަށްވާތީ، އެ ސަރަޙައްދު އާއްމުންނަށް ފަސޭހައިން ބޭނުންކުރެވޭނެގޮތް ހެދުމަށް އިކޮނޮމިކް މިނިސްޓްރީން އެޗްޑީސީއަށް އިލްތިމާސްކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛް ފައްޔާޟް އިސްމާޢީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހުޅުމާލޭ ބީޗްގައި ހިންގާ ކެފޭތަކަކީ އެޗްޑީސީގެ ހުއްދަނެތި ހިންގަމުންދާ ކެފޭތަކެއްކަން އެ މިނިސްޓްރީން ބެލި ބެލުމުން އެނގިފައިވާކަމަށެވެ. އެހެންކަމުން 31 ޖެނުއަރީ 2019 ގެ ކުރިން ހުޅުމާލޭ ބީޗް ސަރަޙައްދު އާއްމު ރައްޔިތުންނަށް ފުރިހަމަގޮތުގައި ބޭނުންކުރެވޭނެގޮތަށް އިންތިޒާމްކުރުމަށް އިކޮނޮމިކް މިނިސްޓްރީން އެޗްޑީސީއަށް މިހާރު އިލްތިމާސްކޮށްފައިވާކަމަށެވެ.

ހުޅުމާލޭ ބީޗްގައި ބައެއް ގެސްޓްހައުސްތަކާއި އަދި އާއްމު ފަރާތްތަކުން ގިނަ އަދަދެއްގެ ކެފޭތަކާއި، ރެސްޓޯރެންޓްތައް ހިންގަމުންދެއެވެ. އަދި ހަފްތާ ބަންދުގައި މި ކެފޭތަކާއި ރެސްޓޯރެންޓްތަކުގެ ޚިދުމަތް ގިނަ ބަޔަކު ހޯދައެވެ. ނަމަވެސް އެތަންތަނުގެ ސަބަބުން އެންމެ އެކަށީގެންވާގޮތުގައި އާންމުންނަށް ބީޗް ބޭނުން ނުކުރެވޭކަން ބައެއްމީހުން ފާހަގަކުރެއެވެ.

މިކަމާގުޅިގެން ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނީ، ހުޅުމާލޭ ބީޗް ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް ކެފޭ، ރެސްޓޯރެންޓްތައް ހިންގާ މައްސަލަ ހައްލުކުރުމަށްޓަކައި ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކުރަމުންދާކަމަށެވެ. އެގޮތުން މި މައްސަލައަކީ އާއްމުންނާއި ވިޔަފާރިކުރާ ފަރާތްތަކާވެސް ގުޅުންހުރި މައްސަލައެއްކަމަށްވެފައި، މިކަމަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ބުނެއެވެ. އަދި ހުޅުމާލޭގެ އާއްމު ސަރަޙައްދުތައް ބޭނުންކުރާނެގޮތުގެ ހަރުދަނާ އުސޫލެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށްވެސް އެޗްޑީސީން މައުލޫމާތުދެއެވެ.