ސަރުކާރުގެ ސިޔާސީ މަޤާމުތަކަށް އަލަށް ޢައްޔަން ކުރެއްވި ފަރާތްތަކަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ތަމްރީން ޕްރޮގްރާމަކީ، ކޮރަޕްޝަން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކާބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ޕްރޮގްރާމެއްކަމަށް އޭސީސީން ބުނެއެވެ.
އެގޮތުން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނަޒާހަތްތެރިކަން އިސްކުރުމާއެކު ކޮރަޕްޝަނަށް މަގުފަހި ނުވާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް ބާރުއަޅައި ސިޔާސީ މަޤާމުތަކަށް އަލަށް ޢައްޔަންކުރައްވާފައިވާ ފަރާތްތަކަށް މަޢުލޫމާތުދީފައިކަމަށް އެކޮމިޝަނުން ބުނެއެވެ.
މި ޕްރޮގްރާމްގައި ސަރުކާރުން އަލަށް ޢައްޔަން ކުރެއްވި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ ތެރެއިން 30 ބޭފުޅުނބައިވެރިވެވަޑައިގެންނެވިއެވެ.
އަދި އެބޭފުޅުންނަށް މި ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވީ އޭސީސީގެ ނާއިބު ރައީސް މުޢައްވިޒް ރަޝީދެވެ. މިޕްރޮގްރާމްގައި އޭސީސީގެ މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތަކާއި މައްސަލަތައް އަވަހަށް ތަޙްޤީޤުކޮށް ފިޔަވަޅު އެޅުމުގައި މިހާރު ކުރިމަތިވާ ބައެއް ދަތިތަކާ ބެހޭގޮތުން މަޢުލޫމާތު ސިޔާސީ ފަރާތްތަކަށް އަރުވފައިވާކަމަށް އޭސީސީން މަޢުލޫމާތުދެއެވެ.