ޚަބަރު

ފޮރިން މިނިސްޓަރ ޖަޕާނުގެ ޖޭބީއައިސީގެ ގަވަރަނަރާ ބައްދަލުކުރައްވައިފި


ޖަޕާން ބޭންކް ފޮރ އިންޓަރނޭޝަނަލް ކޯޕަރޭޝަން "ޖޭ.ބީ.އައި.ސީ"ގެ ގަވަރަނަރާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

ރާއްޖެއާއި ޖަޕާނާ ދެމުދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމިރާ އިކޮނޮމިކް މިނިސްޓާރަ ފައްޔާޒު އިސްމާއީލް އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުފުޅުގައި ޖަޕާނުގެ ސަރުކާރުގެ އިސްވެރިންނާ ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.

މި ދަތުރުފުޅުގެ ތެރެއިން ރާޢްޖޭގެ ވަފުދުން ވަނީ ޖަޕާން ބޭންކް ފޮރ އިންޓަރނޭޝަނަލް ކޯޕަރޭޝަން "ޖޭ.ބީ.އައި.ސީ"ގެ ގަވަރަނަރު، ތަދާޝީ މައިދާ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ދެމެހެއްޓެނިވި ތަރައްޤީގެ ރޮންގުންނާއި، ތިމާވެއްޓާއު ރައްޓެހި މާހައުލެއްގައި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ގެންގުޅުއްވާ ސިޔާސަތުތައް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވަނީ ޖޭ.ބީ.އައި.ސީގެ ގަވަރަނަރަށް ތަފުސީލުކޮށްދެއްވާފައެވެ. ރާއްޖެ ތަރައްޤީއަށް ދެ ޤައުމު ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި ރާއްޖޭ ތަރައްޤީކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ޖޭ.ބީ.އައި.ސީގެ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން އެބޭންކުގެ ގަވަރަނަރ ވަނީ ދެއްވާފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިމަހުގެ 19އިން 24އަށް ޖަޕާނުގެ ވެރިރަށް ޓޯކިއޯއަށް ދިވެހި ވަފުދުން ކުރާ މި ދަތުރުގައި އެޤައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފިނޭންސް ތާރޯ އާސޯ އާއި އެކްސްޓާނަލް ޓްރޭޑް އޮގަނައިޒޭޝަން (ޖެޓްރޯ) ގެ ރައީސް، މރ. ޔަސޫޝީ އަކަހޯޝީއާ ޖަޕާނުގެ މިނިސްޓަރ އޮފް އިކޮނޮމީ ޓްރޭޑް އެންޑް އިންޑަސްޓްރީ ހިރޮޝިގޭ ސެކޯ އާއިވެސް ދިވެހި ވަފުދުން ވަނީ ބައްދަލުކޮށްފައެވެ.

ޖަޕާނަކީ ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި އެހީތަކެއް ދެމުން އަންނަ ޤައުމެކެވެ. މިގޮތުން ތައުލީމީ ދައިރާ އާއި ސިއްހީ ދައިރާގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމަށް ހިނގި ގިނަ މަޝްރޫއުތަކަށްވެސް ޖަޕާނު ސަރުކާރުންވަނީ ބޮޑެތި އެހީތަކެއް ދީފައެވެ.