ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތް ފުޅާކޮށް، ރާއްޖޭގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުމަށް، އިންޑިއާއިން ރާއްޖެއަށް ވެދިން އެހީ ބޭނުންކުރާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިމަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ދެޤައުމުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން އެއްބަސްވުމެއްގައި ރާއްޖެއިން ސޮއިކުރައްވާފައެވެ.
މި އެއްބަސްވުމުގެ ތަފްސީލް ޕީއެސްއެމް ނިއުސްއާ ޙިއްސާކުރައްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވީ، ދަނޑުވެރިކަމުގެ ދާއިރާ ފުޅާކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވަޢުދުފުޅެއްކަމަށެވެ. މި ދާއިރާއިން އިންޑިއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، ދަނޑުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް އިންޑިއާގެ ފަންނީ އެހީތެރިކަމާއި، އެދާއިރާއިން މީހުން ތަމްރީން ކުރުމާއި، ރާއްޖޭގައި އެންމެ ރަނގަޅަށް ދަނޑުވެރިކަން ކުރެވޭނެ ގޮތްތަށް ދެނެގަތުމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ދަނޑުވެރިންނަށް ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ، ގަސްގަހަށް ބޭސްޖެހުމުގައި ދިމާވާ ސިއްހީ މައްސަލަތައްކަމަށާ، އިންޑިއާގެ އެހީތެރިކަމާއެކު ބައިނަލްއަޤްވާމީ މިންގަނޑަށް އެކަން ކުރެވޭނެ ގޮތްތަކެއް ދަނޑުވެރިންނަށް އުނގަންނައިދިނުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން އެންމެ ބޮޑު އިސްކަމެއްދެނީ، ރާއްޖެއަށް ބޭނުންވާ ތަރުކާރީއާއި މޭވާފަދަ ބާވަތްތައް އުފައްދާ، އެދާއިރާގެ ތަކެތި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުމަށްކަމަށާ، އެކަމުގެ ސަބަބުން ދަނޑުވެރިކަމުގެ ސިނާއަތަށާއި، އިޤްތިޞާދަށް ވަރަށް ބޮޑުކުރިއެރުމެއް ލިބިގެންދާނެކަމަށްވެސް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވިއެވެ.
މީގެ އިތުރުން އައިސީޓި ދާއިރާއިން ވެފައިވާ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގައި ތިބި ހުނަރުވެރި ޒުވާނުންގެ މަސައްކަތްތައް ކުރިއަރުވައި އެދާއިރާގެ ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވިއެވެ.
ދަނޑުވެރިކަމުގެ ބޭނުންތަކަށް ދިވެހިރާއްޖެއަށް އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލުމަށް ސަރުކާރުން ނިންމައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ތަސްދިޤްވެސްކުރައްވާފައެވެ.