ސޫރިއާގައި ޙަރަކާތްތެރިވަމުންދާ އެމެރިކާ ސިފައިން އެޤައުމު ދޫކޮށް ދާން ފަށައިފިއެވެ.
ސޫރިއާގައި ނުރައްކާތެރި އައިއެސް ޖަމާޢަތާ ދެކޮޅަށް ހަނގުރާމަކުރުމަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ދެހާސް ސިފައިން އެޤައުމަށް ފޮނުވާފައެވެ. އެމެރިކާއިން ބުނެފައިވަނީ ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި އެޤައުމުގެ ހުރިހާ ސިފައިން ސޫރިއާ ދޫކޮށް ދާނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވެސް ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. އެކަމާ ގުޅޭ ގޮތުން ކުރެއްވި ޓުވީޓެއްގައި އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ އައިއެސްއާ ދެކޮޅަށް އެމެރިކާއިން ސޫރިއާގައި ހޯދި ތާރީޚީ ކާމިޔާބީއަށްފަހު އެމެރިކާ ސިފައިން އަނބުރާ ޤައުމަށް ގެންނަންވީ ވަގުތު ޖެހިއްޖެ ކަމަށެވެ. އަދި އެމެރިކާގެ ހުރިހާ ސިފައިން އަނބުރާ ގެންނާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.
އެމެރިކާގެ މިނިންމުމާ ގުޅޭ ގޮތުން ރަޝިއާއިން ބުނެފައިވަނީ މިކަމުގެ ސަބަބުން ސޫރިއާގެ މައްސަލަތަކަށް ސިޔާސީ ޙައްލެއް ހޯދުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ. ނަމަވެސް އިނގިރޭސިވިލާތުން ބުނީ ސޫރިއާގެ އެކި ސަރަޙައްދުތަކުގައި އައިއެސް ޖަމާޢަތަށް ބޮޑެތި ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނު ނަމަވެސް އެޖަމާޢަތުގެ ނުރައްކާތެރިކަން އަދިވެސް އެބައޮތް ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ އައިއެސް ޖަމާޢަތާ ދެކޮޅަށް ކުރަންޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށާ އެޖަމާޢަތުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށެވެ. އިނގިރޭސިވިލާތުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ އައިއެސް ޖަމާޢަތުގެ އަތްދަށުގައި ސޫރިއާގެ އެއްވެސް ސަރަޙައްދެއް ނެތް ނަމަވެސް އެޖަމާޢަތުން އެޤައުމުގައި އަސްކަރީ ޙަރަކާތްތައް ހިންގުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށެވެ.
އަދި ސޫރިއާގައި ތިބި އެމެރިކާ ސިފައިން އެޤައުމު ދޫކޮށް ދިއުމަކީ ބައިނަލްއަޤްވާމީ އަސްކަރީ އިއްތިހާދުން ސޫރިއާގައި ހިންގާ އަސްކަރީ ޙަރަކާތްތައް ހުއްޓުމަކަށް އަންނާނެ ކަމެއް ނޫންކަމަށް ވެސް އިނގިރޭސިވިލާތުން ބުނެއެވެ.