ޚަބަރު

ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ފެންނާކަށްނެތް - ރައީސް


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން މިހާރު ފެންނަން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ، ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލް ފެންނަން ނެތްކމަށާއި، އޭގެ ތަފްސީލް ހޯދަމުން އަންނަކަމަށެވެ.

ނަމަވެސް އެ އެއްބަސްވުންތަކުގައިވެސް ރާއްޖޭގެ ސަލާމަތަށް ނުރައްކާ ވާފަދަ ކަމެއް އޮންނާނެކަމަށް ޤަބޫލުނުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

"ބައެއް އެގްރީމެންޓުތަކުގެ ތަފްސީލުތަކެއް އަޅުގަނޑުމެންނަކަށް ނޭނގެ. ޚާއްސަކޮށް ޗައިނާއަށް ވަޑައިގެން ކުރެއްވި ބޮޑު އެގްރީމެންޓު. އޭގެ ތަފްސީލުތަކެއް އަޅުގަނޑުމެންނަކަށް ނޭނގޭ. އެ އެގްރީމެންޓް އަޅުގަނޑުމެން މި ހޯދަނީ."

ކުރީގެ ސަރުކާރުން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލާފައިވަނީ، 2017ވަނަ އަހަރުގެ ޑިސެމްބަރު 7ވަނަ ދުވަހުއެވެ. މި އެއްބަސްވުން ހިމެނޭގޮތުން 12 އެއްބަސްވުމެއް ކުރީގެ ސަރުކާރުން ޗައިނާއެކު އެކުލަވާލާފައިވެއެވެ.