ޚަބަރު

އިންޑިއާ ސަރުކާރުން ދިން އެހީގެ ބޮޑުބައެއް ތަރައްޤީގެ މަޝްރޫޢުތަކަށް


އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭން ނިންމި 1.4 ބިލިއަން ޑޮލަރު ކްރެޑިޓް ފެސިލިޓީގެ ބޮޑު ބައެއް ހޭދަކުރަނީ ތަރައްޤީގެ މަޝްރޫޢުތަކަށްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނިއުދިއްލީގައި ހުންނަވައިގެން މަޢުލޫމާތުދެއްވަމުން މިނިސްޓަރ ވިދާޅުވީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭން ނިންމި 1.4 ބިލިއަން ޑޮލަރުން ރާއްޖޭގެ ދަރަނި ބޮޑުވެގެން ނުދާނެކަމަށެވެ. އަދި މިފައިސާގެ ތެރެއިން ބަޖެޓު ސަޕޯޓްގެ ގޮތުގައި 200 މިލިއަން ޑޮލަރު ބޭނުންކުރުމަށް ނިންމާފައިވާކަމަށާއި އޭގެތެރެއިން 50 މިލިއަން ޑޮލަރަކީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދިން ހިލޭ އެހީކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި 150 މިލިއަން ޑޮލަރަކީ ޓްރެޒަރީ ބޮންޑަށް އިންވެސްޓްކުރުމަށް ސްޓޭޓް ބެންކް އޮފް އިންޑިއާ މެދުވެރިކޮށް ހުޅުވާލި އެހީކަމަށާއި އެއީ 1.5 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި 2 އަހަރު ދުވަހުގެ މުއްދަތަކަށް ލިބުނު އެހީއެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެހެންކަމުން ރާއްޖެއިން ބޭނުން ވަގުތެއްގައި ޑޮމެސްޓިކް މާކެޓްގައި ޓްރެޒަރީ ބިލް ވިއްކޭނެކަމަށާއި، އަދި ޓްރެޒަރީ ބޮންޑް ދެ އަހަރު ދުވަހުގެ މުއްދަތަށް ވިއްކާލެވޭނެކަމަށްވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. އަަދި ސާކް ޤައުމުތަކުގެ މެދުގައި އޮންނަ ކަރަންސީ ސޯކް އެއްބަސްވުމުގެ ދަށުން ރާއްޖެއަށް މިހާތަނަށް އޮންނަ 200 މިލިއަން ޑޮލަރު، 400 މިލިއަން ޑޮލަރަށް އިންޑިއާ ރިޒާވް ބޭންކު މެދުވެރިކޮށް އިތުރުކޮށްދިނުމަށް ވެސް އިންޑިއާ ސަރުކާރުން ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، އިންޑިއާއިން ދިން 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިން 800 މިލިއަން ޑޮލަރަކީ މަޝްރޫޢުތަކަށް ހޭދަކުރުމަށް ކަނޑައަޅަފައިވާ ފައިސާކަމަށް ވިދާޅުވިއެވެ. އެގޮތުން ރާއްޖެއިން ހުށައަޅާ ފީސިބަލް ޕްރޮޖެކްޓްތަކަށް ކްރެޑިޓް ލައިނެއް ހުޅުވާދީފައިވާކަމަށާއި، އެއީ 1.5 ޕަސެންޓް އިންޓްރެސްޓް ރޭޓުގައި ލިބޭ ފައިސާގެ އެހީކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި 2019 ބަޖެޓުގައި 150 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކުމަށް ހިމަނާފައި ވީނަމަވެސް، އިންޑިއާ ސަރުކާރުން ކުޑަ ރޭޓެއްގައި އެހީ ހަމަޖައްސައިދިނުމުގެ ސަބަބުން ބޮންޑް ނުވިއްކަން ދިވެހި ސަރުކާރުން ނިންމާފައިވާކަމަށްވެސް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވިއެވެ.