ޚަބަރު

އިންޑިއާއަކީ ރާއްޖޭގެ އިޤްތިޞާދުގެ މުހިއްމު ބައިވެރިއެއް - ރައީސް


އިންޑިއާއަކީ ރާއްޖޭގެ އިޤްތިޞާދުގެ މުހިއްމު ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވަނީ ރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ އިންވެސްޓަރުންނަށް ޤާނޫނީ ރައްކާތެރިކަމާއި ހިމާޔަތް ހޯދައިދެއްވާނެ ކަމުގެ ޔަޤީންކަމެއް ދެއްވާފައެވެ.

އިންޑިއާއާ ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށްވެސް އަލި އަޅުއްވާލައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ އެކި ދާއިރާތަކުން ގުޅުން ވަރުގަދަވެގެން އަންނައިރު އިޤްތިޞާދީ ގުޅުންވެސް ވަރުގަދަކުރުމަށް ސަރުކާރުން އިސްކަން ދެއްވާ ކަމަށެވެ.

ރައީސް ޞާލިޙު ވިދާޅުވީ ރާއްޖެއަކީ މިސަރަޙައްދުގައި ވެސް އެންމެ ހަލުވި ދުވެލީގައި ކުރިއަރާ އެއް އިޤްތިޞާދު ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑެތި އިންވެސްޓްމަންޓުތައް ހުރިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޢުމްރާނީ އެހެނިހެން ދާއިރާތަކުގައިވެސް ރާއްޖޭގައި އިންވެސްޓްމަންޓްތައް އެބަހުރި ކަމަށެވެ.

މި ފޯރަމްގައި ރައީސް ޞާލިޙު ވަނީ ރާއްޖެއިން އަބަދުވެސް ބޭރުގެ އިންވެސްޓްމަންޓްތަކަށް މަރުހަބާކިޔާ ކަމަށް ވިދާޅުވެފައެވެ. ބޭރުގެ އިންވެސްޓަރުންނަށް ބޭނުންވާ ޤާނޫނީ ރައްކާތެރިކަމާއި ހިމާޔަތް މި ސަރުކާރުން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އިންޑިއާގެ ބޮޑެތި އިންވެސްޓަރުންނަށް ރައީސް ޞާލިޙު ވަނީ ދެއްވާފައެވެ.

މި ފޯރަމްގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް ޞާލިޙުގެ މި ދަތުރުފުޅުގައި ވަނީ އިންޑިއާގެ ވިޔަފާރިވެރިންގެ އެންމެ އިސް ވަފްދުތަކާއި ބައްދަލުކުރައްވާ އެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކޮށް ދެޤައުމުގެ ވިޔަފާރިއަށްވެސް ހުރި ފަހި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.