ޚަބަރު

ރައީސް ޔާމިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ރައީސްކަމުގައި ހުންނަވައިގެން ޤާނޫނާ ޚިލާފަށް މާލީ މުޢާމަލާތަކެއް ހިންގަވާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.

މިއަދު މެންދުރުފަހު 2:00 އަށް އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ވަޑައިގަންނަވަން ނިންމެވީ ޕީޕީއެމްގެ އިސްވެރިން އަދި އާންމު މެންބަރުންނާއެކު ހިންގަވާފައިކަމަށް ކުރިން ޕީޕީއެމްއިން ހާމަކުރިނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި އެމަނިކުފާނު ވަޑައިގަތީ ވެހިކަލެއްގައެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައިވަނީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް އެކި ފަހަރުމަތިން ފައިސާ ވަދެފައިވާ މައްސަލައެއްގައެވެ.

ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް 22.5 މިލިއަން ރުފިޔާ ވަދެފައިވާ ކަމުގެ އަޑުތަކެއް ފެތުރިގެންދިޔައެވެ. އެގޮތުން ދެފަހަރެއްގެ މަތިން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަމުގެ އަޑުތަކެއްވެސް ފެތުރިފައިވެއެވެ. އަދި އެކަން ބައިނަލްއަޤްވާމީ މީޑިއާތަކުގެ ސަމާލުކަމަށްވެސް ވަނީ އައިސްފައެވެ. އަދި އެ މައްސަލަ މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ވަނީ ފުލުހުންނަށްވެސް ހުށަހަޅާފައެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާރޒް މިނިސްޓަރ އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ އެމަނިކުފާނުގެ އެކައުންޓަށް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ފައިސާ ވަދެފައިވާ މައްސަލަ ބަލަން ކަމަށެވެ.

ފައިސާތައް ވަދެފައިވާ އެކައުންޓަކީ ރިޔާސީ އިންތިޚާބުގެ ޤާނޫނީ އޮނިގަނޑުގައިވާ ގޮތުން އިލެކްޝަންސް ކޮމިޝަނުން ޑިކްލެއަރ ކުރެއްވި އެކައުންޓެއް ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ރިޔާސީ އިންތިޚާބުގައި ބޭނުން ކުރުމަށް އެކި ގޮތް ގޮތުން ލިބިފައިވާ ފައިސާ ކަމަށް އާޒިމާ ވިދާޅުވިއެވެ. އާޒިމާ މިހެން ވިދާޅުވެފައިވައިރު، ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގައި އެމަނިކުފާޏުގެ ބޭންކް އެކައުންޓްތައްވެސް ވަނީ ކުރިމިނަލް ކޯޓުގެ އަމުރާއެކު ފްރީޒްކޮށްފައެވެ.

މި މައްސަލާގައި ޕީޕީއެމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓިގެ ލީޑަރޝިޕުން ބުނެފައިވަނީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ހައްޔަރުކޮށް ބަންދުކޮށްފާނެތީ އެއްވެސް ވަރަކަށް ބިރު ނުގަންނަ ކަމަށް. އެޕާޓީގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ރައީސް ޔާމީނަކީ ރައްޔިތުން ދޫކުރައްވާ ފިއްލަވާނެ ސިޔާސީ ލީޑަރެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު ފިއްލަވަން ބޭނުންފުޅު ނަމަ އެކަން ކުރިތާ ކިތަންމެ ދުވަހެއް ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ރައީސް ޔާމީން ހައްޔަރުކުރާނެ ކަމާއި އެމަނިކުފާނަށް ސަރުކާރުން ދަޢުވާތައް ކުރާނެކަން މާ ކުރިންވެސް އެނގިލައްވާ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަޤްބޫލް ސަބަބެއް ނެތި، ރައީސް ޔާމީން ހައްޔަރު ކުރުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.